ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށް ސަރުކާރު ބަންދު މިދުވަސްވަރުގައި ޒަރޫރީ ބޭނުމެއްގައި ނޫންގޮތަށް މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގެޔަށް ވެއްދުމުގެ މަސައްކަތް މިއަދުގެ ފެށިގެން ކުރައްވަމުންދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާތުތަކަށް ހުރިހާ ރައްޔިތުންވެސް ތަބާވާން ޖެހޭކަމަށެވެ.
މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވާ އިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ސިވިލް ސާވިސްގެ މުވައްޒަފުން ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ. އަދި މިހާރު ވަނީ ސްކޫލުތައްވެސް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފަ އެވެ.
މިދަނޑިވަޅުގައި އެއްވެސް ރައްޔިތަކު ގެއިން ބޭރަށްނިކުމެ މަގުތަކުގައި ނުތިއްބެވުމަށް ނަވީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ކަމެއްނެތި ނިކުމެ އުޅޭ ފަރާތްތަކާއި ސުވާލުކޮށް ގެއަށް ވެއްދުމުގެ މަސައްކަތް ކުރައްވާނެކަމުގައި އޭނާ ވިދާޅުވިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުން އައިސޮލޭޝަންގައާއި ކަރަންޓީންގައި ބޭތިއްބިފައިވާ ފަރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާކަމަށް ނަވީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ރިސޯޓްތަކައި ގެސްޓްހައުސްތަކާއި، ރަށްރަށާއި، އައިސޮލޭޝަން އަދި ކަރަންޓީގެ ފެސިލިޓީސްގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައިވެސް ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުންދާކަމަކަމުގައި އޭނާ ވިދާޅުވިއެވެ. ނަވީން ވިދާޅުވީ އެތަންތަނާއިއެކު މިހާރު ޖުމްލަ 19 ތަނެއް ފުލުހުން ބަލަހައްޓަމުންދާކަކަމަށެވެ. އަދި ލުހުން މިދަނޑިވަޅުގައި ގޭގޭގައި މަޑުކުރުމަށް އެންގޭ ފަރާތްތަކުގެ ސެކިއުރިޓީވެސް ބަލަހައްޓަމުންދާނެކަމަށެވެ.
މިކަމަކީ އެންމެގެ ޒިންމާއެއްކަމުގައި ދެކި ކަމާއިބެހޭ ފާރްތަކުން އަންގާ އެންގުންތަކަށް ސަމާލުވުމަށް ނަވީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މިކަމުގައި ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބާނުވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު ފުލުހުން އަޅަމުންދާނެކަމަށް ވިދާޅުވިއެވެ.
މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމަށްޓަކައި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކަހެރިވެ ހުރުމަށް އަންގާފައިވާ މީހަކު އެ އެންގުމަށް ތަބާނުވާނަމަ އެފަދަ މީހުންނާއި މެދު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅުއްވާނެކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފަ އެވެ. އެގޮތުން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގައި ވާގޮތުގެ މަތިން އެފަދަ ފަރާތްތައް 5000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. މިއާއިއެކު ގަވާއިދާއި ހިލާފުވާ ފަރާތްތަކާއި މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެފަރާތްތަކުގެ ނަން އާއްމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.