twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޭކުރެންދޫ ކައުންސިލުން އެއްމަހުގެ ފީތައް މާފުކޮށްދީފި

ނަބީލާ އިސްމާޢީލް
Apr 2, 2020

ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށް ދިމާވި އިގްތިސޯދީ ވަރަށްބޮޑު ހީނަރުކަމެކެވެ. އެގޮތުން މި ކުޑަ ކުޑަ ދިވެހި ރާއްޖެއަށްވެސް މިވަނީ އޭގެ އަސަރު ފޯރާފަ އެވެ. އެހެން ކަމުން ސަރުކާރުންނާއި ކުންފުނިތަކުން ވެސް އަންނަނީ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ފޯރުކޮށްދެމުންނެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ހދ. ނޭކުރަންދޫ ކައުންސިލުންވެސް މިވަނީ އިސްނަގާފަ އެވެ. އެރަށު ކައުންސިލުން އާންމު އަތުން ނަގަމުން އައި ބައެއް ފީތައް މި އެޕްރީލްމަހަށް މިވަނީ ކަނޑާލަދީފަ އެވެ.

ނޭކުރަންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ހަރަދުތަކަށް ލުޔެއް ދިނުމުގެ ގޮތުން ކުނިއުކާލުމަށް ރަޖިސްޓްރީވެފައިވާ ގޭބިސީތަކުންނާއި ވިޔަފާރިތަކުން ނަގަމުން ގެންދާ ފީ އާއި ދަނޑު ބިންތަކުން ނަގަމުންގެންދިޔަ ފީގެ އިތުރުން ޕްރީސްކޫލު ކުދިންގެ ސްކޫލް ފީ އަދި ކައުންސިލުން ކުއްޔަށްދީފައި ހުންނަ ކެފޭގެ ފީ ވެސް މިވަނީ ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް މިގޮތުން ކަނޑާލެވޭނީ މި މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ކުނި އުކާލުމަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން ނަގަމުންގެންދާ ފީ ތަކެވެ.

އެރަށު ޕްރީ ސްކޫލު ފީ ގެ ގޮތުންގައި ދަރިވަރަކަށް ނަގަމުން އަންނަނީ މަހަކު 300 ރުފިޔާ އެވެ. އަދި ކުނި ފީގެ ގޮތުގައި ގޭބީސީތަކާއި ވިޔަފާރިތަކުން 50 ރުފިޔާ ނަގަމުންދާއިރު މުއައްސަސާތަކުން ކުނި އުކާލުމަށް 200 ރުފިޔާ ދައްކަން ޖެހެ އެވެ.

ދަނޑު ބިންތަކުން ނަގަމުން އައީ މަހަކު 30 ރުފިޔާ އެވެ. ކުލީ ބިންތަކަކީ އަކަފޫޓަކަށް ވަކި ވަރެއް ކަނޑައެޅިފައިވާ ތަންތަން ކަމަށާއި ކައުންސިލުން ކުއްޔަށްދީފައިވާ ކެފޭއިން ނަގަމުން އައީ މަހަކު 4000 ރުފިޔާ ކަމަށެވެ. އެރަށު ކައުންސިލުން މި ދަނޑިވަޅުގައި ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި މި ހުރިހާ ފީތަކެއް ވަނީ މިމަހު ކަނޑާލަން ނިންމާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355