ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ ގައުމުތައް ލޮކްޑައުންކޮށް ވައިގެ ދަތުރު ފަތުރު މެދުކަނޑާލުމާއި ގުޅިގެން އެކި އެކި ބޭނުންތަކަށް ބޭރު ގައުމުތަކަށް ގޮސްތިބި ދިވެހިން ރާއްޖެ ނާދެވި ވަނީ ތާށިވެފަ އެވެ.
އެގޮތުން ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާވެސް 21 ދުވަހަށް ބަންދުކުރުމުން ރާއްޖެ ނާދެވި ޓްރިވެންޑްރަމްގައި ތާށިވި 200 އަށް ވުރެ ގިނަ ދިވެހިން މިއަދު ރާއްޖެ ގެންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނެފި އެވެ.
ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމަށް ބާއްވާ ރެސްކިއު ދެ ފްލައިޓެއްގައި 207 މީހަކު ރާއްޖެ ގެންނަން ނިންމާފައިވާއިރު، މިއަދުގެ މެންދުރާ ހަމައަށް 50 މީހަކު ވަނީ އައިސްފަ އެވެ.
އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖެ އަންނަ އެންމެން ވެސް 14 ދުވަހަށް ކަރަންޓީ ފެސިލިޓީތަކުގައި ބައިތިއްބާނެތީ ޓްރިވެންޑްރަމުން އަންނަ މީހުންނާ މެދު ވެސް އަމަލު ކުރާނީ އެ އުސޫލުން ނެވެ.
މިހާތަނަށް ސްރީ ލަންކާ އިން 100 ދިވެހިން، މެލޭޝިއާ އިން 200 ދިވެއްސަކު ރާއްޖެ ގެނެސްފައިވާއިރު، ކުރިމަގުގައި ބާއްވަން ހަމަޖައްސާ ފުލައިޓްތައް ތާވަލް ވެސް ވީ އެންމެ އަވަހަކަށް އާންމު ކުރާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔެ ބަލިމަޑުކަމުގެ ހާލަތެއްގައި އޮތް އިރު ރާއްޖެ އިން ބޭރު އެކި ގައުމުތަކުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ،ރާއްޖެއިން ބޭރުގައި އުޅޭ ހުރިހާ ދިވެހިން ވެސް ފޮރިން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީ ވުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.