- ދަނޑުވެރިކަމަށް ދޫކުރަނީ އެކި ސަރަހައްދުގައި ހުރި ހުސްބިންތައް
- އަންނަ ހަފްތާ ދަނޑުވެރިކަމަށް ހުޅުވާލާނެ
- ބިން ދޫކުރަނީ އެއް އަހަރު ދުވަހަށް
ކުޅުދުއްފުށީ އުތުރުކޮޅު ކުޅި ހިމެނޭނެހެން ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރަން މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެދާނެ ކާނާ ލިބުމުގައި ދަތިތައް ހައްލުކުރުމަށް ސަރުކާރުންވެސް މިހާރު ދަނީ ވަރަށް ބޮޑަށް ދަނޑުވެރިކަންފުޅާކުރަން ބާރުއަޅަމުންނެވެ.
ކުޅުދުއްފުށީ ކައުންސިލުން ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުއްޓަށް ދަނޑުވެރިކަން ކުރުމަށް މާބޮޑު ހުސް ބިމެއް ނެތް ރަށެއް ވިޔަސް ހުރި ހުސްބިންތަކުގައި ދަނޑުވެރިކަންކޮށް އާއިލާތަކަށް ކާނާގެ ޔަގީންކަން ހޯދިދާނެ ކަމަށެވެ. އަދި މީގެ އިތުރުން ލަތީފް ވިދާޅުވީ މިއީ އެކަށީގެންވާ ރަނގަޅު އާމްދަނީއެއްވެސް ހޯދިދާނެ މަސައްކަތެއްކަމަށެވެ.
ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ހުސްތަންތަން ދަނޑުވެރިކަން ކުރުމަށް ދޫކުރަން ނިންމާފައިވާއިރު އެފަދައިން ހުސްކޮށް ހުރި 25 ސަރަހައްދެއް ކައުންސިލުން މިހާރު ވަނީ ބަލައި ނިންމާފަ އެވެ. ލަތީފް ވިދާޅުވީ، އޭގެ ތެރޭގައި ޗަސްބިންމާއި އެހެނިހެން ގޮތްގޮތުން އެކި ސަރަހައްދުތަކުގައި ހުރި ހުސް ބިންތައް ހިމެނޭ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ބިންތަކަކީ މާބޮޑު ޖާގައެއް އޮތްތަންތަން ނޫންނަމަވެސް އެތަންތަނަކީ މިޒަމާނުގެ ދަނޑުވެރިކަން ކުރެވޭނެ ރަނގަޅު ބިންތަކެއްކަމަށެވެ. ހައިޑްރޯޕޯނިސް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ދަނޑުވެރިކަން ކުރުމަށް ތަޖުރިބާކާރު މެދުވެރިކޮށް ފަންނީ އެހީތެރިކަންވެސް ކައުންސިލުން ފޯރުކޮށްދޭނެކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކައުންސިލުން މިހާރު މަސައްކަތްކުރަމުންދަނީ އުސޫލުތައް ހެދުމަށް ކަމަށާއި އަންނަ ހަފްތާތެރޭގައި ދަނޑުވެރިކަމަށް ބިން ދޫކުރަން ހުޅުވާލާނެ ކަމަށެވެ. ޑިމާންޑް އޮތްވަރަކުން އިތުރު ބިންތައް ރަށުން ލިބެން އޮތްވަރަކުން ދަނޑުވެރިކަމަށް ދޫކުރާނެކަމަށްވެސް ލަތީފް ވިދާޅުވި އެވެ.
ދަނޑުވެރިކަން ކުރުމަށް ހިލޭ ބިން ދޫކުރަން ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. ޗަކަ ބިންތައް ދޫކުރަން ނިންމާފައިވަނީ ހޮޅުއަލަ ފަދަ ބާވަތްތައް ހައްދައި އިންދުމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ރަށްތަކެއްގައި އަންނަނީ ދަނޑުވެރިކަން ކުރުމަށް ބިންދޫކޮށް، އެކަން ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ.