އިއްޔެއާއި މިއަދު މާލެއިންނާއި ރިސޯޓްތަކުން ކުޅުދުއްފުއްޓަށް 540 މީހުން އައިކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
މާލެ ދަތުރުކުރާ ކަނޑު އުޅަނދުތަކުން ކައުންސިލަށް ފޮނުވާފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ ސީކްއީން ބޯޓުން 337 މީހަކު ކުޅުދުއްފުއްޓަށް އެރިއިރު މިއަދު ފާޅު ބޯޓުން 121 މީހަކު ވަނީ ކުޅުދުއްފުއްޓަށް އަރާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުއްޓަށް އަންނަ ފްލައިޓް ދަތުރުތަކުގެ އަދަދުވެސް ވަނީ ވަރަށް ބޮޑުތަނުން މަދުކޮށްފަ އެވެ. އެގޮތުން މިހާރު އަންނަނީ ހަފްތާއަކު ތިން ފްލައިޓެވެ. އެގޮތުން އިއްޔެ މޯލްޑިވިއަން ފްލައިޓުން ކުޅުދުއްފުއްޓަށް 50 މީހުން އައިސްފާއިވާއިރު ޗާޓަރުކޮށްގެން އައި މަންތާގެ ފްލައިޓުން 20 މީހަކު ވަނީ ކުޅުދުއްފުއްޓަށް ފައިބާފަ އެވެ.
މިއަދު ކުޅުދުއްފުށީ އެއާޕޯޓަށް އެއްވެސް ފްލައިޓެއް ޖައްސާފައިނުވެ އެވެ. ހަނިމާދޫ މަގުން 12 މީހަކު އިއްޔެ އައިސްފައިވާއިރު މީގެ ތެރެއިން ބައެއް މީހުންނަކީ ސަރަހައްދުގެ ރަށްތަކަށް ނިސްބަތްވާ ރައްޔިތުންނެވެ.
މި ދެ ދުވަހު ކުޅުދުއްފުށީ މަގުން ދަތުރުކޮށްފައިމިވަނީ ގިނައިން ރިސޯޓްތަކުގެ މުވައްޒަފުންކަން ފާހަގަކުރެވެ އެވެ. ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި މި ދެ ދުވަހު ކުޅުދުއްފުށީ މަގުން 540 މީހަކު ދަތުރުކޮށްފައިވާއިރު މިއަދަދު މިއަށްވުރެއް ގިނަ ވާނެ އެވެ.
އެގޮތުން ބައެއް ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ ޒުވާނުން ވަނީ ލޯންޗުތަކުގައި ވެސް އިއްޔެ އާއި މިއަދު ކުޅުދުއްފުއްޓަށް އައިސްފަ އެވެ. އުތުރުގެ ގިނަ ރައްޔިތުން ދަތުރުފަތުރުކުރުމަށް އާންމުކޮށް ބޭނުންކުރަމުންދަނީ ކުޅުދުއްފުއްޓެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ކުޅުދުއްފުއްޓަށް ގިނަ ބަޔަކު އަރައި ފައިބަ އެވެ.