މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު މިކުރީ، ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބަލިމަޑުކަމަކާ ގުޅިގެން އެކަމުން ސަލާމަތް ވުމުގެ ގޮތުން ގޭގައި ބަންދުވެފައިވާ ދުވަސްވަރެއްގައެވެ. އޮފީސްތަކާ ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވުމުން ދަރިންނާ އާއިލާގެ އެހެން މެންބަރުންނާއެކު ގޭގައި ތިބެގެން ރޯދަ ހިފާލަން ލިބޭ މިފުރުސަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވޭތޯ ބެލުން ވަރަށް މުހިއްމެވެ. އެގޮތުން، މި ރަޟާންމަހުގައި މާތްﷲ ފަރުޟު ކޮށްފައިވާ ރޯދައާއި، އެހެނިހެން އިސްލާމް ދީނުގެ ފަރުޟު އަޅުކަންތައްތައް ދަރިންނަށް ކިޔަވައިދީ ޢަމަލީގޮތުން އެކަންކަމަށް ހާނުވާލަން މި ފުރުސަތުގެ ބޭނުން ހިފުން ކިހިނެއްވާނެތޯއެވެ.
އެހެންކަމުން މިރަމަޟާން މަހަކީ ތިޔަ މައިންބަފައިންގެ ލޮބުވެތި ދަރިންނަށް ރޯދަ ހިފަން ދަސްކޮށްދޭންފަށާ މަހެއް ކަމުގައި ހަދަމާތޯއެވެ. ތިރީގައި ފާހަގަކޮށްލާފައިވާ 7 ކަމަކީ، މިގޮތުން ކުޑަކުދިން ރޯދަ ހިފަން ފެށުމުގެގޮތުން ކުރެވިދާނެ ކަންތައްތަކެކެވެ.
އެންމެ ފުރަތަމަ ކަމަކަށްވެސް، ރޯދައަށް ކުދީން ބެހެއްޓުމުގެ ކުރިން އެކުދިންގެ ސިއްޙީ ހާލަތު ދެނެގަނެ، ރޯދައަށް ބެހެއްޓުމުން އެކުދިންނަށް އުނދަގޫތަކެއް ވާނެތޯ ނުވަތަ ނޫންތޯ ޔަގީން ކުރުން ވަރަށް މުހިއްމެވެ. އަދި ހަމަ އެހެންމެ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ހަނދާން ބަހައްޓަންވާނެއެވެ. ބައެއް ކުދިން އުމުރުން 4 އަހަރުގައިވެސް ރޯދަ ހިފައެވެ. އަނެއްބައި ކުދިން 6 އަހަރު ވަންދެންވެސް ނުހިފާ ހުރެއެވެ. ކުދީންގެ ހާލަތާ ރިއާއަތްކޮށް ރޯދައަށް ބެހެއްޓުމާމެދު އެންމެ ރަނގަޅުގޮތެއް އެނގޭނީ އެކުއްޖެއްގެ މައިންބަފައިންނަށެވެ.
ކުޑަކުދިންނަކީ އަބަދުވެސް ކީއްވެ؟ މިސުވާލު ކުރަން ބޭނުންވާ ބައެކެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި އެއްވެސް އެއްޗެއް ނުކައި، ނުބޮއެ ހުންނަން ޖެހެނީ ކީއްވެކަމާއި، ކޮންމެ މުސްލިމަކުވެސް ރޯދަ ހިފަން ޖެހެނީ ކީއްވެކަން ސާފުކޮށް ކިޔައިދިނުން ވަރަށް މުހިއްމެވެ. މިގޮތުން ރޯދަ ހިފަނީ މާތްﷲ އެކަމަށް އަންގަވާފައިވާތީ ކަމަށާ، އެކަލާނގެ އެކަމަށް އަންގަވާފައިވަނީ އަހަރެމެން ތަޤްވާވެރިންނަށް ވުމަށްޓަކައިކަމަށް ކިޔައިދެވިދާނެއެވެ. ތަޤްވާވެރި ވުމަކީ ކޮބައިކަންވެސް އެކުދިންނަށް އޮޅުންފިލުވައިދިނުން ރަނގަޅެވެ.
ރޯދައަށް ކުދިން ހުންނަ ދުވަސްތަކުގައި އެކި ކަހަލަ ކަންކަމުގައި ބައިވެރިކޮށްލާށެވެ. އޭރުން ބަނޑުހައިވުމާ ވަރުބަލިވުންފަދަ ކަންކަމުން އެކުދިންގެ ވިސްނުން ދުރުކޮށްދެވޭނެއެވެ. އެގޮތުން އެކި ކަހަލަ ކުޅިވަރުތައް އެކުދިންނާއެކު ކުޅެލާ، ފޮތް ކިޔާލާ، އެކުގައި ޤުރުއާން ކިޔަވައި ނަމާދު ކޮށްލުން، މިއީ ކޮށްލެވިދާނެ ވަރަށް ރަނގަޅު ކަންތައްތަކެވެ. ކުޅިވަރުތަކުގެ ތެރޭގައި މާބޮޑަށް ވަރުބަލިވާނެ ކަހަލަ ކުޅިވަރުތައް އެކުދިން ލައްވާ ނުކުޅެވޭތޯ ބަލަންވާނެއެވެ. އެހެން ނޫނީ ކަމުގެ އަސްލު ގެއްލި ކުދިން ވަރުބަލިވެ، ރޯދަ ދޫކޮށްލަންޖެހޭ ހިސާބަށްވެސް ދިޔުން އެކަށީގެންވެއެވެ.
ކުދިންނަށް ހިތްވަރު ދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ މުޅި ދުވަސް ރޯދައަށް ނުހުރެވުނު ކަމުގައި ވިޔަސްމެއެވެ. ހިތްވަރު ދިނުމުގެ ގޮތުން ކޮންމެވެސް ކަހަލަ ހަދިޔާއެއް ދެވިދާނެއެވެ. އޭރުން ކުދިންގެ ހިތުގައި އިތުރު ހިތްވަރާ ޝައުޤު އުފެދޭނެއެވެ. މިސާލަކަށް، ރޯދަ ވީއްލާ ގަޑިއަށް އެކުދިން އެންމެ ކަމުދާ ކައު އެއްޗެއް ތައްޔާރު ކޮށްލުން، ހިތްއެދޭ އެއްޗެއް ގަނެލާ ދިނުން ނުވަތަ އެކުދިން ކުރި މަސައްކަތަށް ތައުރީފު ކުރުމުންވެސް ފުދޭނެއެވެ. އަދި ރޯދަމަހުގެ ދުވަސްތައް ހިމިނައިގެން ޗާޓެއް ތައްޔާރު ކޮށްލެވިދާނެއެވެ. އެކުދިންނަށް ރޯދަ ހިފޭ ދުވަސް ދުވަހުގައި ސްޓިކަރ އެއް ތަތްކޮށްލާނީއެވެ.
ރަމަޟާން މަހުގެ ރޯދަ އާއި ގުޅިގެން ލިބޭ ނިޢުމަތްތައް ކުޑަކުދިންނަށް ނޭނގޭނެއެވެ. އެކުދިންނަށް މިވާހަކަތައް ކިޔައިދިނުމަކީ ރޯދަ ހިފުމަށް ޝައުގުވެރިކަން އުފެދޭނެ ކަމެއްކަން ޔަޤީނެވެ. އެގޮތުން،
- ރޯދަ ހިފާ މީހުންނަށް ވަކިން ޚާއްސަކޮށް ސުވަރުގޭގައި "އަލްރައްޔާން" އޭ ކިޔުނު ދޮރާށްޓެއްވާކަން
- ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް މިމަހު ބަންދުކުރެވޭނެ ކަން
- ހުރިހާ ޝައިތޯނުންތައް ކަސްތޮޅު އެޅުވޭނެކަން
- ނަރަކައިގެ އަޒާބުން ސަލާމަތްވުމުގެ އައްޑަނައަކަށް ރޯދަ ވާނެކަން
މިކަންތައްތައް ކިޔައިދެވިދާވެނެއެވެ.
ކުއްޖާ ރޯދައަށް ހުރުމުގެ ކުރީން ހާރު ކާންދިނުން ވަރަށް މުހިއްމެވެ. ހާރު ކެއުމަށް ރަނގަޅު ގަޑީގައި އެކުދިން ނަގައި ފައިދާހުރި ރަނގަޅު ކާނާ ކާންދިނުމަށް ސަމާލުކަން ދޭންވާނެއެވެ. އޭރުން ގިނަ ވަގުތު ވަރުބަލި ނުވެ ރޯދައަށް ހުރުމަށް އެކަމުން އެހީތެރިވެދޭނެއެވެ.
އެންމެ ފަހު އަދި އެންމެ މުހިއްމު ކަމަކަށް ދުޢާ ކުރާށެވެ. ތިމާގެ ދަރިން ރޯދަ ހިފުމަށް ޝައުގުވެރި ކުރުމަށާ، ރޯދަ ހިފުމުގައި ފަސޭހަކަން އެކުދިންނަށް ލެއްވުމަށް އެދި މާތްﷲ ގެ ހަޟްރަތަށް ދުޢާ ދަންނަވާށެވެ. ދުޢާއަކީ މުއުމިނުންގެ ހަތިޔާރެވެ. އެހެންކަމުން ކޮންމެ މައިންބަފަޔަކުވެސް ދަރިންނަށް ރަނގަޅުގޮތްތައް މެދުވެރިކޮށްދެއްވުން އެދި އެކަލާނގެ ހަޟްރަތުގައި ދަންނަވަންވާނެއެވެ.
މިނޫނަސް ރޯދައަށް ކުޑަކުދިން ތައްޔާރުކޮށް ރޯދަ ހިފުމަށް ކުރެވިދާނެ ކަންތައްތައް ހުންނާނެއެވެ. ކޮންމެ ކަމަކަށްވެސް، ރަނގަޅަށް ތައްޔާރުވެ ކުދިންނާ ގުޅިގެން މަސައްކަތް ކުރުމުން އެކަމެއް ކުރުމުގައި ދަރިންނާއި މައިންބަފައިންނަށްވެސް ފަސޭހަވާނެއެވެ. މާތްﷲ ގެ ހަޟްރަތުން މިރަމަޟާން މަހަކީ އަޅުގަނޑުމެންނާ، އަޅުގަނޑުމެންގެ ދަރިންނަށްވެސް، ބަރަކާތުން ފުރިގެންވާ ރަމަޟާން މަހެއްކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ.