twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަމް ޓީޗަރުން ގޭގައި ތިބެގެން ފެހީ މާސްކް!

އަބްދުލް ވާހިދު ޙަސަން
Apr 27, 2020
3

ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ޗުއްޓީއެއް ލިބުނު އެއް ބަޔަކީ ޓީޗަރުންނެވެ. ރަށްރަށުގައި ހުންނަ މަދު މުވައްސަސާތަކުގެ ތެރެއިން ސްކޫލުތައް ފިޔަވާ އެހެން ގިނަ މުވައްސަސާތަކުގެ މުވައްޒަފުން ދިޔައީ ޓާސްކް ފޯސްއަށް މަސައްކަތު ނުކުންނަމުންނެވެ. އެހެންވުމުން ހދ ނޮޅިވަރަމް ސްކޫލުގެ މުވައްޒަފުން ބެލީ މި ދަނޑިވަޅުގައި ރަށަށް ކޮށްދެވޭނީ ކޮންކަމެއް ތޯ އެވެ.

އެގޮތުން ވައިބަރ ގުރޫޕްގައި އެކަމަށް މަޝްވަރާކުރެވި އެންމެ ރަނގަޅު ކަމަކަށް ފެނުނީ ފޮތިން މާސްކް ފެހުމެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިމިވާ ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިވުމަށް އެންމެ މުހިންމު އެކަށްޗަކީ މާސްކެވެ. އެހެންވުމުން އެފަދަ ތަކެތި ލިބުންވެސް ވަނީ އިންތިހާއަށް ދަތިވެފަ އެވެ. ނޮޅިވަރަމް ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންގެ މަސައްކަތުން ކުޑަވަގުތުކޮޅެއްގެ ތެރޭގައި 200 އަށްވުރެ ގިނަ މާސްކް ފަހާލި އެވެ.

މިކަން ކުރިއަށްދިޔަ ގޮތް ވިދާޅުވެދެއްވަމުން ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އަލީ ކޭއޯއަށް ވިދާޅުވީ، ވޮލަންޓިއަރ ކޮށް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލުމާއެކު މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެހެންކަމުން ކުޑަވަގުތު ކޮޅެއްގެ ތެރޭގައި 216 ފޮތި މާސްކް ފެހުނެވެ.

އަދުނާނު ވިދާޅުވިގޮތުގައި މާސްކް ފެހުމަށް ފޮތި ސްކޫލުން ދިން އިރު ބައެއް މުވައްޒަފުން އަމިއްލަ ފޮތީގައިވެސް މާސްކް ފެހި އެވެ. ގޭގައި ތިބެގެން ކުރެވުނު މި މަސައްކަތާ މެދު އެ މީހުން ތިބީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނާ ވިދާޅުވީ މަސައްކަތް ނިންމާލެވުމުން އެކަމުގެ ހިތްހަމަޖެހުން އޮތް މިންވަރު މުވައްޒަފުން ހިއްސާކުރި ކަމަށެވެ. އަދިވެސް އެފަދަ ކަމެއް ކުރަން ތައްޔާރަށް ތިބިކަމަށް މުވައްޒަފުން ދިޔައީ ހާމަކުރަމުންނެވެ.

" މުވައްޒަފުން ތިބީ މިދަނޑިވަޅުގައި ރަށަށް މިހާ މުހިންމު ކަމެއް ކޮށްދެވުނީތީ ވަރަށް ހިތްހަމަޖެހިގެން." ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

މާސްކްތައް ރަށުގެ ޓާސްކް ފޯސްއަށް ހަދިޔާކޮށްފައިވާއިރު އިތުރަށް މާސްކް ބޭނުންވެއްޖެނަމަ އެކަން ކޮށްދޭ ނޮޅިވަރަމް ސްކޫލުން އޮތީ ތައްޔާރަށެވެ.

މާސްކް ފެހުމުގައި އުޅުނު ޕްރައިމަރީ ޓީޗަރު ވިދާޅުވީ، ހުރިހާ އެންމެންނަށް ބަހާލައިގެން ކުރިއަށްދިޔުމުން މިއީ އެއްވެސް ކަމެއް ނޫން ކަމަށާ މިފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ގޭ ތެރޭގެ މަސައްކަތްކޮށްލަމުން ދަރިން ބަލަމުން އޭނައަށް ލިބުނު މާސްކްކޮޅު ފަހާލުމަށް ނެގީ ގާތްގަނޑަށް ހަތަރު ގަޑިއިރެއްހާ ވަގުތެވެ.

މިފަދަ މަސައްކަތެއް ކުރަންޏާ ކުރިއަށް އޮތްތަނުގައިވެސް ބައިވެރިވާނެކަމަށް އެ ޓީޗަރު ވިދާޅުވި އެވެ. ގިނަ ރަށްތަކަކުން އަންނަނީ މިފަދަ މަސައްކަތްތައް ކުރަމުންނެވެ. އަދި އެރަށަކަށް ބޭނުންވާނެ މާސްކް ފޮތިން ފަހައި އަންނަނީ ހަދިޔާކުރަމުންނެވެ.

ކޮވިޑް-19 ގެ ނުރައްކާ ތިލަދުންމައްޗަށް ފޯރާފައިވާއިރު މިސަރަހައްދުގެ ގިނަ ރަށްތަކެއް މިހާރުވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355