twitterviber whatsapp telegramfacebookyoutube instagram
27th April 2024

އެއްހާސް މައްސަރަށްވުރެ ބޮޑުވެގެންވާ ހެޔޮކަން ހޯދުމަށް ތިބާގެ ނަފްސު ތައްޔާރު ތޯ؟

May 13, 2020

ރަމަޟާންމަހަކީ އަޅުގަނޑުމެން މުސްލިމުންނާ ބައްދަލުކުރާނެ އެންމެ މާތް އެއްމަސަރެވެ. އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް މިއީ ދިރިއުޅުމުގެ ކަންކަން އެއްފަރާތްކޮށް އަޅުކަމާއި ތަޤުވާގެމަގުގައި ދިރިއުޅުމުގެ ވަގުތުތައް ހުސްކޮށްލަންޖެހޭމަހެވެ. ނުބައިކަންކަމުން ދުރުވެ، އެންމެހާ ހެޔޮ ޢަމަލުތަކުން އަހަރުމެންގެ ޙަޔާތް ޒީނަތްތެރިކުރަންވީ ވަގުތެވެ. ސަބަބެއްނެތިއެއްނޫނެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ މަތިވެރި ރެއެއް އެމަހުގައިވެއެވެ. އެއީ އެރެއެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ.އެއީ މަލާއިކަތްބޭކަލުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޛްނަފުޅާއެކު، ހުރިހާ އަމުރުފުޅަކައިގެން ފައިބައިވަޑައިގަންނަވާ ރެއެވެ. އެއީ އެއްހާސް މައްސަރަށްވުރެ ބޮޑުވެގެންވާ ހެޔޮކަން އެރެއަށް ލިބިގެންވާރެއެވެ. އާދެ! ލައިލަތުލްޤަދްރިވިލޭރެއެވެ.

ރަމަޟާންމަހުގެ ދުވަސްތައް ފާއިތުވަމުންގޮސް މި ބަރަކާތްތެރި މަސްވެސް ނިމުމަކާ މިވަނީ ގާތްވެފައެވެ. އެހެންގޮތަކަށް ބުނާނަމަ ރަމަޟާންމަހުގެ ފަހުދިހަ އާއި އަޅުގަނޑުމެންމިވަނީ ކުރިމަތިލާފައެވެ. އެހެންކަމުން ލައިލަތުލް ޤަދްރިވިލޭރޭގެ މާތްކަމާއި މަތިވެރިކަން ހާސިލްކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ. މިއީ ހިތްވަރާއިއެކު މިމަހުގައި ފެށި އަޅުކަންތަކަށް އިތުރު ޖޯޝާއި ފޯރިގެންނަންވީ ވަގުތެވެ. އުއްމީދު ކަނޑާލުމެއްނެތި ރައްބުއްލް ކާއިނާތުގެ ވެރި އިލާހަށް މުނާޖާދަންނަވައި، ކުރެވިފައިވާ ފާފަތަކުގެ މަތިން ހަނދާންކޮށް އެކަމާ ދެރަވެ،ތައުބާވާންވީ ވަގުތެވެ. ހަމައެހެންމެ އެކަލާނގެ ހަޟްރަތުން ރުއްސެވުމާއި ފުއްސެވުން އެދި ދަންނަވަންވީ ވަގުތުވެސް މެއެވެ. އެހެނީ މިއީ ފުއްސެވުމާއި ދިންނެވުމުގެ މައްސަރެވެ. ރޭ އަޅުކަމުގައި ވަގުތުތައް ހޭދަކޮށް، ﷲއަށް ޛިކުރު ކުރުމާއި އިސްތިޣްފާރުކުރުމުގައި ވަގުތު ހޭދަކުރަންވީއެވެ. ހާއްސަކޮށް ޤުރުއާންކިޔެވުމުގައި ވީހާވެސް ބޮޑަކަށް މަޝްޢޫލުވެވޭތޯ ބަލަންޖެހެއެވެ.

ރަހުމަތާއި، ބަރަކާތް އޮހެމުންދާ މިމައްސަރުގައި، ނަމާދުކުރުމާއި ރޯދަހިފުމަށް ނުކުޚެދިގެންވާ ޙާލު މުސްލިމު އުޚުތުންގެތެރެއިން ގިނަބަޔަކު މިބަރަކާތްތެރި ދުވަސްތައް ވޭތުކުރަމުންދެއެވެ. އެހެންނަމަވެސް ރޯދަ ނުހިފޭތީ ނުވަތަ ނަމާދު ނުކުރެވޭތީ އެކަމާ މާޔޫސްވެ ހިތާމަ ނުކުރާށެވެ. ﷲގެ ރަޙުމަތްފުޅުން އުއްމީދު ކަނޑާނުލާށެވެ. ނަމާދުގެ ވަގުތު ޤުރުއާން ކިޔެވުމަށް ބަދަލުކޮށްލާ، ޤުރުއާންކިޔެވުން އިތުރުކުރާށެވެ. މުސްހަފުގައި ނުބީހެވުނަސް ފޯނުން ކިޔެވޭނެއެވެ. ނުވަތަ ތަރުޖަމާ ކިޔެވުމަށްވެސް ވަގުތުކޮޅެއް ހުސްކޮށްލެވިދާނެއެވެ. ހަމައެހެންމެ ޛިކުރުކުރުމާއި، ރަޙުމަތާއި ފުއްސެވުމަށްއެދި ގިނަގިނައިން ދުޢާކޮށް ހަދާށެވެ. މީ އެންމެ މުނާސަބު ވަގުތުކަމުގައި ނުވި ނަމަވެސް ތަނަވަސްކަން ހުރި މިންވަރަކުން ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވެވިދާނެއެވެ. ނުވަތަ ޞަދަޤާތް ކުރުމީވެސް ކުރެވިދާނެ ކަންކަމެވެ.

އެހެންކަމުން ބަރަކާތާއި ރަޙުމަތުން ފުރިގެންވާ މިރޭ، ހޯދުމަށްޓަކައި ވަރަށް ބޮޑަށް ގަދައަޅައި މަސައްކަތް ކުރަން އެބަޖެހެއެވެ. ﷲތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ވަގުތު، ތެތުވެ އިސްތިޣްފާރުކޮށް ދުޢާ ދަންނަވާށެވެ. ފަތިސްވުމާއިހަމައަށް ސަލާމަތާއި އަމާންކަން ލިބިގެންވާ އެރޭގެ ނަސީބު ލިބިގަތުމަށް އަވަސްވެގަންނަމާ ހިނގާށެވެ. އާ ހިތްވަރަކާއި އާ އަޒުމަކާއިއެކު މަސައްކަތް ފަށަމާ ހިނގާށެވެ. އީމާންތެރިކަން އިތުރުކޮށް އަޅުކަމުގައި ހީވަގިވެލައްވާށެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަޅަމެން އެންމެންގެ ފާފަތައް ފުއްސަވައި، މިބަރާކާތްތެރި ރޭގޭ ސަވާބާ ދަރުމަ މިންވަރުކޮށްދެއްވާށި. އާމީން.

ލިޔުނީ: ފާތިމަތު އަނޫޝާ
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355