ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވި އިގްތިސޯދީ ވަޅުގަނޑުގެ އެންމެ ފުނަށް ވެއްޓުން އެއްބަޔަކަށް ވާނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ރިސޯޓްތަކުން ގެސްޓުއައުން މެދުކެނޑުމާއި ގުޅިގެން ގިނަ ރިސޯޓުތަކުގެ މުވައްޒިފުން މުސާރަ ކުޑަކުރުން، ނޯޕޭ އަށް ފޮނުވާލުން ނުވަތަ ކަނޑާލުން ފަދަ ކަންތައް ތައް ކުރިމަތިވި އެވެ.
ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރިސޯޓްތަކަށް ލުއިތަކެއް ދޭއިރު ރިސޯޓް ވަޒީފާތަކުން މިފަދަ ހާލަތެއް ކުރިމަތިވި މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާއިރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ފަހު ހަ މަސް ދުވަހު ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމައިފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން ވެސް ނިންމި އެވެ. މިހަބަރު ޓްވީޓް ކުރައްވައި ސައުދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓުރީއަށް ލުއި ގޮތްތަށް ފަހިކޮށް ދިނުން މުހިންމު ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ކޮށްދޭއިރު ރިސޯޓްތަކުން ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށްކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސް މުވައްޒަފުންނަށް ދިމާވި މި ހާލަތުގެ ސަބަބުން އެތަކެއް އާއިލާތަކެއް ހާލުގައި ޖެހި ނިކަމެތި ވެއްޖެ އެވެ.