ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށި ޓާސްކް ފޯސްގެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި އުފައްދާފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގެ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
24 ގަޑިއިރު ދެމުން އައި ޚިދުމަތުގެ ތެރެއިން އޮޕަރޭޝަނަލް ޚިދުމަތްތައް މިމަހު 23 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 11:00 އިން ހެނދުނު 8:00 އަށް މެދުކަނޑާލަން ވަނީ ނިންމާފައި އެވެ.
ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ އޮޕަރޭޝަނަށް ހިދުމަތްތައް ރޭގަނޑު 11 ފެށިގެން ހެނދުނަށް މެދުކަނޑާލި ނަމަވެސް ބަނދަރުގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ ޑެސްކުން ބަނދަރު ބެލެހެއްޓުމާއި ލަފާފުރާ އުޅަނދުތައް 24 ގަޑިއިރު މޮނިޓަރކުރާނެ ކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ އެހެންވުމުން ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް މަސްވެރިންނަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ރޭގަނޑު 9:00 ގެ ނިޔަލަށް ކަމަށާއި އެހެންވުމުން ދަތުރު ފެށުމުގެ ކުރިން ދުރާލައި ހުއްދަ ނެގުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ.
އަދި މީގެ އިތުރުން އެރަށުން އަނެއް ރަށަށް ދަތުރުކުރާއިރު އެ ރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ނަގަން ޖެހޭ ހުއްދަތައްވެސް ދުރާލައި ނެގުމަށް އެފަރާތުން ވަނީ އެދިފައި އެވެ.
"ދަތުރު ފެށުމުގެ ކުރިން ދުރާލައި އެ ރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކުން ނަގަން ޖެހޭ ހުއްދަތައް ނެންގެވުން އެދެމެވެ. އެހެންކަމުން ސޯޝަލް ސަޕޯޓް ޑެސްކުގެ ޚިދުމަތް ހޯއްދަވާ ބޭފުޅުން ބަދަލު ގެނެވިފައިވާ ގަޑިތަކަށް ސަމާލުކަން ދެއްވައި ދަތުރުކުރުމުގެ ހުއްދައާއި ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް ހޯއްދަވަންޖެހޭ އެންމެހާ ޚިދުމަތެއް ޑެސްކްގެ އާންމު އޮޕަރޭޝަން ބަންދުވުމުގެ ކުރިން ދުރާލައި ހޯއްދެވުން އެދެމެވެ." ކައުންސިލް އިއުލާނުގައިވެ އެވެ.
އެޗްޕީއޭގެ ފުރަބަންދަށް އެހެން ގޮތެއް އަންގަންދެން ޒަރޫރީ ބޭނުންތައް ފިޔަވައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަކީ މަނާކަމެކެވެ.