twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސުޕްރީމް ކޯޓުގެ ލަފާ ލިބުމުން މިރޭ ޖަލްސާ ބާއްވަނީ

May 29, 2020

ކޮވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ރައްޔިތުންގެ މަޖިލީހަށް ލިބުމުން މިރޭ އެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާ ދީފައި ވަނީ ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީގައި އިންތިގާލީ މާއްދާއެއް ހިމެނުމަށް ފަހު ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

އެގޮތުން މިރޭ 9:00 ގައި ޖަލްސާ ފަށަން ހަމަޖެހިފައިވާއިރު މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި މި މައްސަލާގައި ހިޔާލު ތަފާތުވުން ބޮޑުއިރު މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ދެކޮޅުކަން ފާހަގަ ކޮށްލެވެއެވެ.

އެހެންކަމުން މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް ގަފޫރު މޫސާ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވެ އެވެ. އެހެންކަމުން ސަރުކާރުން ފޮނުވާފައި ވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355