މިހާރު ކުޅުދުއްފުއްޓަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ކުޅުދުއްފުށީ ކައުންސިލްގައި ގާއިމުކޮށްފައިވާ އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް އިލްތިމާސްކުރައްވައިފި އެވެ.
ވިއްސާރައާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ގާއިމުކޮށްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހަށްފަހު މޫސުމް ވަރަށް ބޮޑަށް ރީތިވުމަށްފަހު އަނެއްކާވެސް މިވަނީ ވަރަށް ބޮޑަށް ވިއްސާރަވެފައިވެ އެވެ. އެގޮތުން އިއްޔެ އާއި މިއަދު ކުޅުދުއްފުއްޓަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ދިމާވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން އިމެޖެންސީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރެވިފައިވާ ކަމަށެވެ. އެހެންވުމުން ފެންބޮޑުވެ އެހީތެރިކަމަށް ބޭނުން ވެއްޖެނަމަ 6527189 ނަމްބަރު ފޯނާ ގުޅައި ރިޕޯޓްކުރެއްވުމަށެވެ.
ކައުންސިލުން ބުނީ މިއަދު ހަވީރު ފެށިގެން ފެންބޮޑުވާ ސަރަހައްދުތަކަށް ރެޑްކުރެސެންޓްގެ ޓީމުތައް ގޮސް ބަލައި ރިޕޯޓް ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ފަޔަރ، ފުލުހުންނާއި ޕަބުލިކް ވޯކްސް އަދި އެސްޓީއޯގެ މުވައްޒަފުންގެ ގޭގެ ކައިރީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުކަމަށްވާ ފާހިގެ ސަރަހައްދުގެ ފެންތައް ހިންދުމަށް ވެހިގަނޑަށް ކޯރު ކަނޑާފައިވާ ކަމަށާއި އަދި ނެރުގެ ސަރަހައްދުގެ މިހާރު ޕަމްޕް ޖައްސާ ފެންހިނދަމުންދާ ކަމަށެވެ.
އެގޮތުން އަދި ޕަމްޕް ބަހައްޓައިގެން ފެން ހިނދަމުންދަނީ ހަމައެކަނި ނެރު ސަރަހައްދުގައި އެސަރަހައްދު ޕަމްޕް ބަހައްޓައިގެން ހަރަކާތްތެރިވަނީ ރެޑްކުރެސެންޓާއި ކެޑޭޓުންނެވެ.