ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް އެންމެ ފުޅާކޮށްދޭ ކުންފުނި، ދިރާގުން ރަށްރަށުގައި ޒުވާނުން ހިންގަމުންދާ ކުދިކުދި މީޑިއާތަކަށް ހިތްވަރުދީ ނޫސްވެރިކަމާއި ލިޔުންތެރިކަމަށް އެހީތެރިވުމުގެ ގޮތުން ކުޅުދުއްފުށީ އޮންލައިންއާއެކު އަންޑަސްޓޭންޑިންގ އެއްގައި ސޮއިކޮށްފިއެވެ.
މުޖުތަމައުގައި ހިންގޭ ތަފާތު އިޖްތިމާއީ ހަރަކާތްތަކަށް އެހީތެރިވުމުގައި ފާހަގަކޮށްލެވޭ ދިރާގުން ކުޅުދުއްފުށީ އޮންލައިން އާއެކު މިއެއްބަސްވުން ވެފައިމިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ދިމާކޮށެވެ. މިގޮތުން ޒުވާނުން ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރި ކުރުވުމާއި މުޖުތަމައުގެ ފައިދާއަށް މިފަދަ މަސައްކަތްތައް އިސްނަގައިގެން ކުރަމުންދާ ޒުވާނުންނަށް ހިތްވަރު ދިނުމަކީ ދިރާގުން އިޖްތިމާއީ ޒިންމާ ތަކުގެ ގޮތުގައި ދެކޭ ކަންތައްތަކެވެ.
ދިރާގުން މައުލޫމާތު ދެއްވި ގޮތުގައި ކުޅުދުއްފުއްޓާއި ސަރަހައްދުގެ ރަށްރަށަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށި އޮންލައިން ނޫހާއި ފުރަތަމަ ގުޅުމަށް ނިންމާފައިވަނީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށް ފަހުއެވެ. އެގޮތުން މިހާރު ރާއްޖޭގެ އެކިހިސާބުތަކުގެ ރަށްރަށުގައި ހިންގަމުން އަންނަ ވެބްސައިޓްތަކުގެ ތެރެއިން ނޫހެއްގެ ގޮތުގައި ރެޖިސްޓަރ ކުރެވިގެން ހިންގަނީ ކޮން ސައިޓުތަކެއްތޯ ބަލައި، އެސައިޓުތަކުގެ ތެރެއިން އެންމެ ބެލެންސްޑް ނޫސްވެރިކަމެއް ކުރަނީ ކޮންސައިޓު ތަކެއްތޯ ބަލާފައިވާނެކަމަށް ދިރާގުން މައުލޫމާތު ދެއްވިއެވެ.
ކުޅުދުއްފުށީ އޮންލައިން އަކީ ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަންގައި ރަޖިސްޓަރ ކުރެވިގެން ހިންގަމުންދާ ނޫހެކެވެ.