ގަވައިދާ ހިލާފަށް ކުޅުދުއްފުށި ސިޓީގައި ދިރިއުޅެމުންދިޔަ ބިދޭސީންތަކެއް މިއަދު މާލެ ފޮނުވާލައިފި އެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ 13 ބިދޭސީއަކުން ފޮނުވާލީ ދެންމެ ބަހާދަރު ބޯޓްގައި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށީގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަ ކަމަށާ އެކަން އެންމެ ބޮޑަށް ފާހަގަވެގެން މިދިޔައީ ކޮވިޑް-19 ގެ ތެރެއިން ކަމަށެވެ. އެހެންވެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގައި އެދިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި މިއަދު މިވަނީ 13 ބިދޭސީއަކުން ރަށުން ފޮނުވާލެވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑް-19 ގެ ޓާސްކް ފޯސް އާއި ސަރުކާރުގެ މުވައްސަސާތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ޕްރޮގުރާމު އަދިވެސް ކުރިއަށްދާނެ ކަމަށެވެ. މިއަދު ފޮނުވާލި ބިދޭސީންނާއި މާލެއިން ހަވާލުވާނީ އިކޮނޮމިކް މިނިސްޓްރީންނެވެ. އެ މީހުން ފޮނުވާލުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްއަށެވެ.
ބިދޭސީން ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ލަތީފް ވަނީ ޝުކުރު އަދާކުރައްވާފައި އެވެ. އެގޮތުން ކައުންސިލާއި ޓާސްކް ފޯސްގެ އިތުރުން ސިފައިންނާއި ފުލުހުން، ކެޑޭޓް، ރެޑްކުރެންސެންޓާއި ކޭޕީއެލް އަދި ހދ އޭއީސީ އަދި އެސްޓީއޯގެ ނަން އޭނާ ވަނީ ފާހަގަކުރައްވާފައި އެވެ.
ކައުންސިލުން އަންދާޒާކުރާ ގޮތުގައި ކުޅުދުއްފުށީގައ ގަވައިދާ ހިލާފަށް 300 އެއްހާ ބިދޭސީން ދިރިއުޅެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް މީގެން ކުރީގެ ކައުންސިލްތަކުންވެސް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު އެ މީހުން ފޮނުވާނުލެވުނީ ސަރުކާރުގެ ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ އެއްބާރުލުން ނުލިބުމުންނެވެ.