twitterviber whatsapp telegramfacebookyoutube instagram
26th April 2024

"ތަކުރު ވޯސް" ގެ ނަމުގައި ދިރާގުން ގޭމެއް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Jun 18, 2020
2

ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕާއެއް ކަމަށްވާ "އާސިލްސް" ގުޅިގެން މޯބައިލް ގޭމެއް ތައާރަފު ކޮށްފި އެވެ.

"ތަކުރު ވޯސް" ގެ ނަމުގައި ތައާރަފު ކުރި މި ގޭމަކީ ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔާ ނުވަތަ އެކަކަށް ވުރެ ގިނަ މީހުނަށް އެއްފަހަރާ ކުޅެވޭ ގޭމެވެ. ދިވެހި ކެރެކްޓާތަކާއި މާހައުލު ދައްކުވައި ދޭ މި ގޭމުގައި ރާއްޖޭގެ އާދަކާދަ އާއި ތާރީހީ ކަންކަމާއި ސަގާފަތް ވެސް ހިމަނާފައި ވެއެވެ.

މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓަރަސް އުޅޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެ މީހުން ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށް "ސުޕާ ޕަވާސް" އަދި ހަތިޔާރުތައް ބޭނުން ކޮށްގެން އެހެން ގޭމާސް އާ ވާދަކޮށް ގޭމުގެ ލީޑަބޯޑުގެ ކުރިއަށް އެރޭނެ ކަމަށެވެ.

މި ގޭމް މިހާރު ޕްލޭސްޓޯރ އަދި އެޕްސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

ދިރާގުގެ މެނޭޖާ ބިޒްނަސް ޑިވެލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ. އަދި މިއީ މި ދުވަސްކޮޅު މުނިފޫހިފިލުވުމަށާއި ރައްޓެހިންނާ ދުރުގައި ތިއްބަސް އެކުގައި ކުޅެލެވޭނެ ގޭމެއް ކަމަށެވެ.

ގޭމް އުފެއްދި އާސިލްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާފިއު ވިދާޅުވީ، ދިވެހި ގޭމެއް އުފެއްދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށާއި ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355