ބީއެމްއެލްގެ އޭޓީއެމްތަކުން މެޝިނުން ކާޑު ނެގުމުން ނޫނީ ފައިސާ ނާންނަ ގޮތަށް ހަދައިފި އެވެ.
މިއީ އޭޓީއެމްތަކުން ފައިސާ ނަގަން ކާޑު ޖެހުމަށް ފަހު، ހަނދާން ނެތިގެން ކާޑު ބާއްވާފައި ދެވޭ މައްސަލަ އަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ކާޑު ބާއްވާފައި ދެވިއްޖެ ނަމަ އެ ކާޑު ދެން ފެންނަ މީހަކަށް ކާޑުގެ ޕިން ނޭނގުނު ކަމުގައި ވިޔަސް ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އޮންލައިން ޓްރާންސެކްޝަންތައް ހެދުން ފަދަ ކަންކަން ކުރަން ފުރުސަތު އޮވެ އެވެ.
މިހާތަނަށް ބީއެމްއެލްގެ އޭޓީއެމްތައް ޕްރޮގްރާމްކޮށްފައި ހުރީ މުޅި ޓްރާންސެކްޝަން ފުރިހަމަވެ ފައިސާ އައުމުން ނޫނީ ކާޑު ނުނެގޭ ގޮތަށެވެ. މިގޮތަށް ހުރުމުން ފައިސާ ނެގުމަށް ފަހު މެޝިނުގައި ކާޑު ބާއްވާފައި ދެވޭ މައްސަލަ ދިމާވާ ކަމަށް ކަސްޓަމަރުންގެ ފީޑްބެކް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.