twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޕްލޭ ސްކޫލް ފީ އާ ގުޅިގެން ބެލެނިވެރިން ރަތަށް

ޚަދީޖާ އާދަމް
Jul 2, 2020
5

ކައުންސިލްގެ ބެލުމުގެ ދަށުން ކުޅުދުއްފުށީގައި ހިންގަމުން އަންނަ އަމީރު އަމީން ސްކޫލް ކޮވިޑް-19 އާއި ގުޅިގެން މާރޗު މަހު ކިޔެވުން މެދު ކަނޑާލުމަށް ފަހު ކިޔެވުން ކުރިއަށް ނުގެންދާ މަސްތަކުގެ ފީ އެއްކޮށް ދައްކަން އެންގުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ސްކޫލުން ފުރަތަމަ ނެރުނު އިއުލާނުގައި ބުނެފައިވަނީ ކިޔެވުން މެދު ކަނޑާލުމަށްފަހު ދަރިވަރުންގެ ފީ ވެސް ނެގުން ހުއްޓާލާފައިވާ ކަމަށާއި ނަމަވެސް 5 ޖުލައި ވާ އާދިއްތަ ދުވަހުން ފެށިގެން އަނެއްކާވެސް ފީ ބަލައިގަތުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފީ ދައްކާއިރު ފީ ބަލައިގަތުން މެދުކަނޑާލި މަސްތަކުގެ ފީ ދެއްކުމަށް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިފައެވެ.

މިގެ އިތުރުން ދަރިވަރުންގެ އަތުން ނަގާފީއަކީ ސްކޫލް ހިންގުމަށް މުހިއްމު އެއްޗެއް ކަމަށާއި ފީ ނުނަގާ ސްކޫލް ހިންގުން ފަރުޖެއްސުމަކީ ނުވާނެކަމެއް ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެ ސްކޫލްގެ ކިޔެވުން 3 މަހަށް ވުރެ ގިނަ މުދައްތަކަށް މެދުކަނޑާލާފައިވާއިރު ކިޔެވުން ކުރިއަށް ނުގެންދާ މަސްތަކުގެ ފީ ދެއްކުމަކީ ބޮޑު ބުރައަކަށް ވާނެ ކަމަށް ބެލެނިވެރިން ދަނީ ބުނަމުންނެވެ. ކޮވިޑް-19 ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި، އަދި އާމްދަނީ ދަށަށް ގޮސްފައިވާ މިފަދަ ދަނޑިވަޅެއްގައި ކިޔެވުން ނެތް މަސްތަކުގެ ފީ ދައްކަން އެދުމުން ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި ސްކޫލުތައް މިމަހު ހުޅުވާލާފައި ވިއަސް ކިޔަވައި ދެމުން ދަނީ ގްރޭޑް 1 ން މަތީގެ ދަރިވަރުންނަށެވެ. މިނިސްޓްރީން ތުއްތު ކުދިންގެ ކިޔެވުން ފަށާނީ ފަހުން ކަމަށް ވިދާޅުވެފައިވާ އިރު ކިޔެވުން ފަށާނެ ސީދާ ދުވަހެއް ވިދާޅުވެފައެއް ނުވެއެވެ.

ބައެއް ބެލެނިވެރިން ބުނީ ސްކޫލް ބަންދު ކުރުމަށްފަހު އޭޕްރިލް މަހުގެ ފީ ދެއްކުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ކައުންސިލާ ވާހަކަ ދައްވައިގެން ލުއި ލިބޭނެ ގޮތެއް ވޭތޯ މަޝްވަރާ ކުރަމުންދާ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށެވެ. ބައެއް ރަށްރަށުގައި ހިންގަމުއައި ޕްރީ ސްކޫލްތަކުން ކިޔެވުން ކުރިއަށް ނުގެންދާ މަސްތަކުގެ ފީ އެއްކޮށް ކަނޑާލާފައިވާ ކަންވެސް ބެލެނިވެރިން ވަނީ ފާހަގަކޮށްފައެވެ.

ކައުންސިލާ މަޝްވަރާ ކުރާ ވާހަކަ ސްކޫލުން ބުނެފައިވާކަން ފާހަގަކޮށް ބެލެނިވެރިން ބުނީ އުންމީދުކޮށްގެން ތިބީ ފީ އެއްކޮށް ކަނޑާލާނެ ކަމަށް ނުވަތަ ފީ ކުޑަކޮށްދޭވެ ކަމަށް ކަމަށެވެ. މައްސަލައަކަށްވީ ފީ އަށް ލުއި ހޯދާއިދޭން މަސައްކަތް ކުރާކަމަށް ބުނެ ކުޑަ މުއްދަތެއްގެ ތެރޭ 4 މަހުގެ ފީ އެއްކޮށް ދައްކަން ޖެހުން ކަމަށެވެ. ސްކޫލުން ދަރިވަރަކަށް ފީގެ ގޮތުގައި ނަގަނީ 350 ރުފިޔާއެވެ. 4 މަހަށް އެއްކޮށް ދައްކާނަމަ އެއީ 1400 ރުފިޔާއެވެ.

ބެލެނިވެރިން ނުރުހުން ފާޅު ކުރުމުން މިހާރު ވަނީ އެ ސްކޫލުން އިތުރު އިއުލާނެ ނެރެފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ޖުލައި މަސް ފިޔަވާ ދެން ފީ ނުދެއްކިވާ 3 މަހަށް ވާ ފައިސާ ކުރިއަށް އޮތް ހަ މައަށް ބަހާލައިގެން ދެއްކޭނެ ކަމަށާއި އަދި އެއިރުން މަހަކު އިތުރަށް ދައްކަން ޖެހޭނީ 175 ރުފިޔާ ކަމަށެވެ. އަދި އެއިރުން އެ ބެލެނިވެރިއަކަށް ޖުމްލަ މަހަކު 525 ރުފިޔާ ދައްކަން ޖެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355