twitterviber whatsapp telegramfacebookyoutube instagram
8th May 2024

ބޮޑުފިނޮޅު މައްސަލަ: ފުރިހަމަ ތަހުގީގެއްކޮށް، ޒިންމާވާން ޖެހޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ

އަބްދުލް ވާހިދު ޙަސަން
Jul 6, 2020

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބޮޑުފިނޮޅުގައި ސީލް ކުންފުންޏާއެކު މަސައްކަތް ކުރަމުންދިޔަ ރިޒް ކުންފުނީގެ 200 ބިދޭސީ މަސައްކަތްތެރިންނަށް އެތައް މަހެއްގެ މުސާރަނުދީ މަސައްކަތްކުރުވަމުން ގެންދިއުން ކުށްވެރިކޮށް، އެކަމުގެ އިހުމާލުވި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ޕްރެސް ސްޓޭޓްމަންޓްގައި ބުނެފައިވަނީ ބޮޑުފިނޮޅުގެ މައްސަލާގައި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ އެންމެހާ ކަންތައްތައް ރަނގަޅަށް ތަހުގީގުކޮށް އެކަމުގައި ޒިންމާވާޖެހޭ ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ބޮޑުފިނޮޅުގައި މިހިނގާދިޔަ ކަމަކީ، ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހަންމަލުކުރަންޖެހިފައިވާ ބޭއިންސާފުގެ ނަތީޖާ ކަމަށެވެ. ބޮޑުފިނޮޅުގައި ހިނގާދިޔަކަންތައްތަކާއެކު، މިކަމުގައި ހިއްސާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކުގެ އަލީގައި މިބިދޭސީ މަސައްކަތްތެރިންނާމެދު ވެފައިވާ އިހުމާލާއި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާލެއް ބޮޑުކަން ހާމަވެގެންދާކަން ފާހަގަކުރައްވާފައިވެ އެވެ.

އެގޮތުން، އިންސާނީ ވަގުފާރިއާއި އުޖޫރައިން ވަށްކަންކުރުމުގެ އިތުރުން، ފަޅު ރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމައަށް ފޯރުކޮށް ދީފައިނުވާކަން އެ ޖަމިއްޔާ ފާހަގަކޮށްފައިވެ އެވެ. އަދި ބިދޭސީ މަސައްކަތްތެރިން އުޖޫރަ ދިނުމަށް އެދުމުން އިންޒާރުދީ ބިރުދައްކާފައިވާކަމާއި، އެކަން ހައްލުކޮށްދިނުމަށް އެދި ސުލްހަވެރިކަމާއެކު 2019 ވަނަ އަހަރުން ފެށިގެންވެސް އިހުތިޖާޖުކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.

"މިހާދިސާއަކީ ރާއްޖޭގެ އެންމެހާ ނިޒާމުތައް ބައްޓަންކުރެވިފައިވާ ގޮތުން މަސައްކަތްތެރީންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލުކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއްކަމުގައި ދެކެމެވެ. އެހެންކަމުން، އެތަކެއް ދުވަހެއްވަންދެން އިހުމާލާއި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށް، މި މައްސަލަ ބެލުމުގައި 200 ބިދޭސީ މަސައްކަތްތެރިންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކުގެ ކަންކަން ފުރިހަމައަށް ބެލުމަށް މިޖަމިއްޔާއިން ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވާލަމަވެ." ޓްރާސްޕޭރެންސީގެ ބަޔާނުގައިވެ އެވެ.

އަދި މިމައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި މިކަމުގެ ވަށައިގެންވާ އެންމެހާ ކަންކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާ، އެބަޔަކާމެދު ގާނޫނީ ފިޔަވަޅުއެޅުމަށްވެސް ގޮވާލަމެވެ. އަދި ހަމަ މިކަމުގައި ހައްޔަރުކުރެވިފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ލިބިދޭ އެންމެހާ ހައްގުތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ޖަމިއްޔާ އިތުރަށް ބުނެފައިވަނީ އެފަދަ ކޮންމެ މައްސަލައަކާއި އެކުވެސް ފާހަގަވެގެންދާ އަނެއްކަމަކީ ވަކިވަކި ކަންކަމަށް ވަގުތީ އަވަސް ހައްލެއް ހޯދުމުގެ އިތުރަށް، ދިގުދެމި ތަކުރާރުވަމުންދާ އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ދޫކޮށްލެވޭކަން ކަމަށެވެ. އަދ ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

އެހެންކަމުން، އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް، ހުޅުވާލެވިފައިވާ ނެޝަނަލް އިންކުއަރީއެއް ކުރިއަށް ގެންދިއުމަށްވެސް މިޖަމިއްޔާއިން ގޮވާލާފައިވެ އެވެ. އެގޮތުން، އިންކުއަރީ ކުރިއަށް ގެންދިއުމުގައި ބިދޭސީންގެ ވަގުފާރިއަށް މަގުފަހިވާގޮތަށް ހުރި ނިޒާމީ ކަންކަން ދެނެގަތުމާއި، ވަގުފާރިއާއި ކޮރަޕްޝަންގައި އެކި މުއައްސަސާތަކުގެ ދައުރާއި، ކަންކަން ހައްލު ކުރުމަށް ކަންކުރާނެ ގޮތުގެ އެކްޝަން ޕްލޭން މުރާޖާކުރުމާއި، ތަންފީޒު ކުރުމާއި، މޮނިޓަރކުރުމުގައި މަދަނީ މުޖުތަމައާއި، މިދާއިރާގެ ފަންނީ ފަރާތްތަކުގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ހޯދުމަށްވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355