"ހިޔާ މަޝްރޫއު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަޔާނެއް ނެރެފި އެވެ.
ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދިH4 ،H5 ،H6 ، H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ.
މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅީން ނިމިފައިނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައްވެސް އާންމުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި، މިއީ ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓުތައް ނޫން ކަމަށްވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ފާހަގަކުރައްވައެވެ.
މި ލިސްޓްތަކުގައިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ 15:00 ގެކުރިން https://hcc.presidency.gov.mv މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދޭކަމަށް ރައީސް އޮފީހުން ބުންޏެވެ.