2019 ވަނަ އަހަރުގެ ކުރިން ބިދޭސީން ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއްގައި އިމިގުރޭޝަނުގެ ތެރޭގައިވެސް ހިނގާފައި އެބަހުރިކަމަށާ އެކަންތައްތައް ބަލަމުން އަންނަކަމަށް އިމިގުރޭޝަނުން ބުނެފި އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ 2019 ވަނަ އަހަރުގެ ކުރިން އިމިގްރޭޝަންގެ ތެރޭގައި ހިނގާފައި ހުރި ވަރަށް ގިނަ ކަންކަން ބަލަމުންދާ ކަމަށާއި، އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކާއި، އިންސާނީ ވަގުވިޔަފާރި އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންކަމެއް ހިނގާފައިވާ ކަމަށެވެ.
މިފަދަ ކަންކަން ފާހަގަ ކުރެވިގެން 28 ކުންފުންޏެއްގެ މައްސަލަ އަދި އިމިގްރޭޝަންގެ ތެރޭގައި ވެސް ކަންކަން ނުރަނގަޅުން ހިނގާފައި އޮވެގެން އެ މައްސަލަތައް ބަލަމުން އަންނަ ކަމަށެވެ. މި ކުންފުނި ތަކުން 58 ޕްރޮޖެކްޓަކަށް ގިނަ އަދަދުގެ ބިދޭސީން މަކަރާއި ހީލަތުން އެތެރެ ކުރުމަށް ފަހު ދޫކޮށްލާފައިވާކަމަށް ބެލެވޭކަމުގައި އެވެ.
2019 ވަނަ އަހަރުގެ ކުރީގެ ލިޔެކިއުންތައް ހޯދުމުގައިވެސް ދަތިތަކެއް އެބަހުރި ކަމަށް ޝިޕާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ ފުލުހުންނާއި އޭސީސީއާއި ގުޅިގެން ބަލަމުން އަންނަ ކަމަށާއި ބޮޑެތި އަދި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ކަމުން ތަހުގީގަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމަށް މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޅުވާލާ މަކަރު ހަދައިގެން ބިދޭސީން އެތެރެ ކުރުމުގެ މައްސަލަ މީގެ ކުރިން ވެސް ފާހަގަ ކުރެވިފައިވާ ކަމަށާއި މިކަމުގައި އިމިގުރޭޝަންގެ މުވައްޒަފުން ޝާމިލްވާކަމަށް މީގެ ކުރިން ވެސް އިމިގުރޭޝަނުން ބުނެފައިވެ އެވެ.
ރާއްޖޭގައި ޒަމާނުންސުން ހައްލުނުވެ އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ބިދޭސީންގެ މައްސަލަ އެވެ. މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވެފައި މިވަނީ ކޮވިޑް-19 ގައި އެ މީހުން ކުރަމުން އައި މަސައްކަތްތައް ގެއްލި މަގުމަތިވުމުންނެވެ. ގަވައިދާ ހިލާފަށް އުޅެމުންދިޔަ 3000 އެއްހާ ބިދޭސީންވަނީ މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލާފައި އެވެ.