ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ގަޑިއަށް ހާޒިރުނުވާ މައްސަލައިގަ ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެގެ ގަވާއިދަށް ބަދަލު ގެނެސް ގަޑިޖެހޭ މެމްބަރުންގެ މުސާރައިން ކެނޑޭގޮތަށް ގަވާއިދު ބަދަލުކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، މަޖިލީހަށް ވަޑައިގެން މެމްބަރުން ސޮއިކުރައްވާ ހާޒިރީގައި ސޮޔާ ޖެހިގެން ކޮލަމެއް އިތުރުކޮށްް، ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. މެމްބަރުންގެ ހާޒިރީ އާއި މުސާރައާ ގުޅުން އޮންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިއާއެކީ މަޖިލީހުގެ ޖަލްސާތަކަށް ގަޑިޖެހިގެން ވަޑައިގަންނަވާ މެމްބަރުންގެ މުސަރައިން ކެނޑޭގޮތަށް މަޖިލީހުގެ ގަވާއިދަށް ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ. މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ މެމްބަރުން ގަޑިއަށް ހާޒިރުވެގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސަައްކަތްތައް ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮތް ކަަމަށާއި އެ ވަރަށް ހާޒިރުވެވަޑައިގެން މަސައްކަތް ކުރައްވަން މެމްބަރުން ތިއްބެވީ ހުވާކުރައްވައިގެން ކަަމަށެވެ.
މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި 82،000 ރުފިޔާ ލިބުނު ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މުސާރަ ކުޑަކުރުމަށް ނިންމި ނިންމުމާއެކު މެމްބަރުންގެ މުސާރަވެސްވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކޮމިޓީ އެލަވަންސްތަކާއެކު މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 69،750 ރުފިޔާއެވެ.
"ޤަވާއިދު ކޮމިޓީގައި އަޅުގަނޑު އެބައެދެން މަޖިލީހުގެ ގަވާއިދަށް ކުޑަބަދަލެއް ގެނެސް ދެއްވުމަށް. މަޖިލިސްގެ މަސައްކަތް ފަށާ ގަޑިއަކީ ހެދުނު 8:30. ޖަލްސާ ގަޑިއަކީ 9:00. އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުން އެއީ ކުރަންޖެހިފައިވާކަމެއް. މިހާރު ވަޑައިގެން ސޮއިކުރައްވާގޮތަށް، ފޮތުގައި އެއްކޮލަމް އަޅުގަނޑު އިތުރުކޮށްދޭނަން ގަޑި ޖެއްސެވުމަށް. އަޅުގަނޑު ދެކޭގޮތުގައި މުސާރައާއި، ގަޑިއާއި ގުޅުންއޮންނާނެ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.