ޖުޑީޝިއަލް ސާވިރސަސް ކޮމިޝަނުން ތަހްގީގުކޮށް ބޮޑެތި މައްސަލަތަކެއް ސާބިތުވެފައިވާ ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމާ ގުޅޭ ތަފާތު މައްސަލަތައް ތިލަދުންމަތީގެ ހުރިހާ ކޯޓުތަކެއްގައިވެސް އެބަހުރިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެޖިސްޓްރޭޓް މައުސޫމާ ގުޅޭ ގޮތުން ޖޭއެސްސީން މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގައި އިއްވެވުމަށްފަހު، ރައީސް ނަޝީދު އިއްޔެ ވިދާޅުވީ، މުޅި ތިލަދުންމަތީގެ ހުރިހާ ކޯޓެއްގައި މައުސޫމާ ގުޅޭ ތަފާތު މައްސަލަތައް އެބަހުރި ކަމަށެވެ.
"މުޅި ތިލަދުންމަތީގެ ހުރިހާ ރަށެއްގެ، ހުރިހާ ކޯޓެއްގައި ހަގީގަތުގައި މި ބޭފުޅާއާ ( މެޖިސްޓްރޭޓް މައުސޫމް) ގުޅޭ ތަފާތު މައްސަލަތައް އެބަހުރި." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އަމާޒަކީ އެއްވެސް ތަފާތުކުރުމެއް ނެތި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފަހައްޓާދިނުމަށް ޖުޑިޝިއަލް ސާވިސަސް ކޮމިޝަނަށް އެހީތެރިވެ ދިނުން ކަމަށާއި ވަކި ފަނޑިޔާރަކަށް ވަކި ގޮތެއް އެއްވެސް ނިޔަތެއް ނުގެންގުޅޭ ކަމަށެވެ.
މައުސޫމްގެ މައްސަލަ ބެލުމަށްފަހު ޖުޑީޝިއަލް ސާވިސަސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައެއް މައްސަލަތައް ނިންމުމުގައި ފަނޑިޔާރު މައުސޫމު ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށް ސާބިތުވާ ކަމަށާއި އަދި ކުޅުދުއްފުށީ ކޯޓްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްވެސް ސާބިތުވެފައިވާ ކަމަށެވެ.
މައުސޫމްގެ މި އަމަލުތަކަކީ ދިވެހި ފަނޑިޔާރުންގެ ގާނޫނުގެ، ގާނޫނު ނަންބަރު 13/2020 ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ، 6 ވަނަ ނަންބަރާ، 9 ވަނަ ނަންބަރާ، 14 ވަނަ ނަންބަރު އަދި ގާނޫނުގެ 7 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.6 އާއި، 4.7 އާއި، 1.2 އާއި، 2.2 އާއި، 3.1 އަދި 3.2 ވަނަ ނަންަރާއި ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނުގެ، ގާނޫނު ނަންބަރު 10/2008 ގެ 32-1 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން އިސްމެޖިސްޓްރޭޓް މުހައްމަދު މައުސޫމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާކަމަށެވެ.