ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އަމާޒުކޮށް އެއް މަހުގެ ތަމްރީނެއް ފުރިހަމަ ކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
މި އިސްލާހަކީ ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ވަކީލު ކަމުގެ ހުއްދަ ދޫކުރުމުގެ ދެ ޝަރުތަކަށް އަމަލު ކުރުން ފަސްކޮށް އޭގެ ބަދަލުގައި އެ ގާނޫނަށް ގެނައި އިސްލާހެކެވެ.
ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލު ކަމުގެ ހުއްދަ ދޫ ކުރުމުގެ ދެ ޝަރުތެއް ފަސް ކުރަން ހުށަހެޅުއްވީ މަޖިލީހުގެ ދަނގެތި ދާއިރާގެ ޖޭޕީގެ މެންބަރު މުހައްމަދު ނާޒިމްއެވެ.
ނާޒީމް ހުށަހެޅުއްވީ ބާ ކައުންސިލްގެ ބެލުމުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމާއި ބާ އިމްތިހާނުގެ ޝަރުތު އެއް އަހަރަށް ފަސްކުރުމަށެވެ.
ބިލުގައި ވަނީ ތަމްރީނާއި އިމްތިހާނުގެ ޝަރުތު އެއް އަހަރު ދުވަހަށް ފަސްކުރުމަށެވެ. ނަމަވެސް ޖުޑިޝަރީ ކޮމިޓީން ވަނީ އެ ޝަރުތު ފަސްކުރެވޭނީ އެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ގާނޫނީ ފަންނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ތައުލީމު ހާސިލު ކުރި ދަރިވަރުންނަށް ކަމަށް ބަޔާންކޮށް ބިލު ބަދަލުކޮށްފަ އެވެ.
އެގޮތުން ޖުޑީޝަރީ ކޮމިޓީން މި ބިލު ދިރާސާކުރުމަށް ފަހު ބިލަށް ގެނެސްފައިވާ ބަދަލުގައި ވަނީ އެ ބިލުގައިވާ އިސްލާހަށް އަމަލު ކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ވަކީލުކަމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެއް މަސް ދުވަހުގެ ތަމްރީނެއް ދިނުމަށް އެ ތަމްރީނުގެ އުސޫލުތައް އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 71 މެންބަރުންގެ ވޯޓުން ގާނޫނީ ފަންނުގެ ގާނޫނަށް އެ ގޮތަށް އިސްލާހު ގެންނަން ފާސްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގަ އެވެ.
މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން ބާ ކައުންސިލްގެ އިމްތިހާނުގެ ޝަރުތު ވެސް ފަސްކުރިޔަސް އެ މުއްދަތުގައި ވަކީލު ކަމުގެ ހުވާކޮށް އެ ކަމުގެ ހުއްދަ ލިބޭ ފަރާތްތަކުން ވެސް ފަހުން އެ އިމްތިހާން ފުރިހަމަ ކުރަން ޖެހޭނެ އެވެ. އަވަސް ތާރީހެއްގައި ބާ ކައުންސިލުން އެކަން ހަމަޖައްސަން ވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.