ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ހިންގުމަށް ބޮޑު މުސާރައެއް ދީފައި ބޭފުޅަކު ހަމަޖައްސާފައި ހުންނައިރު އެތަން ފެންނަނީ ގޮނޑެއްގެ ސިފާގައި ކަމަށް ވިދާޅުވެ ކުޅުދުއްފުށީގެ މަޝްހޫރު ވިޔަފާރިވެރިޔާ ޖައުފަރު އަލީ ފާޑުވިދާޅުވެއްޖެ އެވެ.
"ރާއްޖެ ވިއްކާލުމާ ދެކޮޅު" މި ޝިއާރުގެ ދަށުން މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީގައި ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުން، ވިޔަފާރިވެރިޔާ ޖައުފަރު އަލީ ވަނީ ސްޓޭޑިއަމްގެ ހާލަތާއި ޕަބުލިކް ވޯކްސްގެ ހާލަތު އޮތްގޮތުން ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.
"ވަރަށް ބޮޑު މުސާރައެއް ދީފައި ކުޅުދުއްފުށީގައި ޒޯން ސްޓޭޑިއަމްގައި މިހާރުވެސް ބޭފުޅަކު އިންތިޒާމްކޮށްފަ ހުންނާނެ. ނިކަން ބައްލަވާލައްވާ އެތަން އޮތީ ކުނިގޮނޑެއްހެން." ޖައުފަރު ވިދާޅުވި އެވެ.
ޒޯން ސްޓޭޑިއަމް އިސް މަގާމަކަށް މިސަރުކާރުން އައްޔަނުކުރައްވާފައިވަނީ ކުރީގެ ކައުންސިލަރު ޝައުފާ އިބުރާހިމް ހިލްމީ އެވެ.
އޭނާ ވިދާޅުވީ، ކުޅުދުއްފުށި ޕަބްލިކް ވޯކްސް ޔުނިޓްވެސް އޮތީ އެފަދަ ހާލަތެއްގައި ކަމަށާއި ދުވާލެއްގެ މައްޗަށް އެންމެ ކާނެ ސާފުކޮށްލަމުންގޮސް މިހާރު ބަޖެޓް ނެތުމުން އެކަންވެސް އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކުޅުދުއްފުއްޓަށް ވީ އެންމެ ވައުދެއްވެސް މިހާތަނަށް ފުއްދިފައިނުވާ ކަމަށާއި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލެން ފަށާފައިވާ ކަމަށެވެ.
"ޔާމީން ސަރުކާރުން މިގައުމު ތަރައްގީކުރަމުންއާ ބާރުމިނުގައި ދިޔަ ނަމަ މިއަދު ކުޅުދުއްފުށި އޮންނާނީ ވަރަށް ހާއްސަ މިންގަނޑަކަށް ފެތިފައި. މިކަން ހުރިހާ ބޭފުޅުންވެސް ގަބޫލުކުރާނެ." ރައީސް ޔާމިންނަށް ތާއިދުކޮށް ވާހަކަދައްކަވަމުން ޖައުފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅުދުއްފުށީގައި 42 މަގެއްގައި 6 މަސް ދުވަހުގެ ތެރޭގައި ތާރުއަޅާނެ ވާހަކަ މިސަރުކާރުން ދެއްކި ކަމަށާއި މިހާތަނަށް އައިއިރު އެއްވެސް މަގެއްގައި ތާރެއް ނެޅިފައިނުވާ ކަމަށެވެ. އަދި ރައީސް ޔާމިން ބަންދުކޮށްގެން މި މީހުންނަށް ކަންތައްތައް ކުރެވޭނަމަ މިހާރު ހުންނާނީ ކަންކަން ކުރެވިފައި ކަމަށް ޖައުފަރު ވިދާޅުވި އެވެ.