twitterviber whatsapp telegramfacebookyoutube instagram
3rd December 2024

ސްޓޭޑިއަމްއާ ހަވާލުވިއިރު ތަން އޮތީ ބޮއްސުންލާފައި، މިސަރުކާރުން ތަނުގެ ހާލަތު ބަދަލުކުރާނެ: ޝައުފާ

- ޕްރޮޖެކްޓްތައް ހިންގާފައިވަނީ އެއްވެސް ޕްލޭނެއް ނުކޮށް
- ސްޓޭޑިއަމްގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ހުއްޓިފައިވަނީ ކޮވިޑާ ހެދި
- މިސަރުކާރުން ސްޓޭޑިއަމްގެ ހާލަތު ބަދަލުކުރާނެކަމަށް ވިދާޅުވި

އަބްދުލް ވާހިދު ޙަސަން
Sep 1, 2020
12

މިސަރުކާރުން ސްޓޭޑިއަމްގެ ހާލަތު ބަދަލުކޮށް ޒުވާނުންނަށް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ކުޅުދުއްފުށީ ސްޓޭޑިއަމްއާ ހަވާލުވެހުންނެވި ޔޫތް އެގްޒެކިއުޓިވް ޝައުފާ އިބުރާހިމް ހިލްމީ ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ތަކެތި ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީގެ ނަމުގައި ސްޓޭޑިއަމްގައި ހިންގާފައިވާ ޖަރީމާތަކެއްކަމަށެވެ.

ކޭއޯއަށް އިންޓަވިއުއެއްގައި ޝައުފާ ވިދާޅުވީ، ސްޓޭޑިއަމްގެ މުދަލާއި ތަކެތި ނަހަމަގޮތުގައި މިދިޔަ ވެރިކަމުގައި ބޭނުންކޮށްފައިވާ ކަމަށާއި މިހާރުވެސް އެތަނުގެ ބައެއް ތަކެތި ޕީޕީއެމުންގެ އިސްވެރިންގެ ގެތަކުގައި ހުރިކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޝައުފާ ވިދާޅުވީ، ސްޓޭޑިއަމުގެ ގޮނޑިތަކެއް އަދިވެސް ޕީޕީއެމްގެ އިސްވެރިންގެ ގެތަކުގައި އެބަހުރި ކަމަށެވެ.

"ފުޓްސަލް ދަނޑުތަކޭ ކިޔާފަ ބަކަރި ކޮށި ތަކެއްގޮތަށް އަޅާފަ މިއޮތީ. ސްޕޯޓްސް އެރީނާ ހަދާފަ އޮތީ ބިމާ އެއްލެވެލްގައި ރާނާ އަޅާފަ އޮތް ކޮއްޓެއްހެން. މިއިން އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި އޮތީ ބިމުގެ އެއްވެސް ޕްލޭންކޮށްފައެއް ނޫން." ޝައުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޕޯޓްސް އެރީނާއަކީ ނަމަކަށް ހަދާފައިވާ ތަނެއް ކަމަށާއި ބިމުގެ އެއްވެސް ޕްލޭން އެއް ނެތި މުސްތަގުބަލަށްވެސް ވިސްނާ ނުލައި ކޮށްފައިއޮތް ކަމަށެވެ.

ޝައުފާ ވިދާޅުވީ، ސްޓޭޑިއަމްގައި ހިންގި ޕްރޮޖެކްޓްތައް ކުރީގެ ސަރުކާރުން ހިނގާފައިވަނީ ކައުންސިލާވެސް އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. އަދި ކުރީ ސަރުކާރު ހެދި ފުޓްސަލް ދަނޑުވެސް ނުކުޅެ އެތައް ދުވަހެއް ވަން ދެން ބާއްވާފައި އޮތް ކަމަށާއި ޒުވާނުން ބޭނުންވާ ބަދަލުތައް ގެނެސް ކުޅެވޭނެ ގޮތް ހަދައިދިނީ މިސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ރަށަކަށް އެކަށީގެންނުވާ، ގިނަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ހަމަނުޖެހޭވަރުގެ ކުޑަ ޔޫތް ސެންޓަރެއް ހެދިއިރުވެސް އެތަންވެސް ހަދާފައިވަނީ ވަރަށް ފެންވަރު ދަށްކޮށްކަމަށާއި އެތަނުގެ ލެވެލް ބިމާ އެއްވަރުވުމުން ވާރޭވެހޭ ދުވަސްތަކުގައި ފެންވަދެ ޖިމް އާއި ބެޑްމިންޓަން ކޯޓްގެ ފްލަރިން ހަލާކުވި އެވެ. އަނެއްކާވެސް އަލުން އެތަނަށް ފެންނުވާނެހެން މަރާމާތުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާކަމަށް ޝައުފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އެތަނާ ހަވާލުވިއިރު ތަން އޮތީ ބޮއްސުންލާފައި ކަމަށާއި މުވައްޒަފުންގެ ދަތިކަންވެސް އިންތިހާއަށް އޮތް ކަމަށެވެ. 19 އަހަރުވީއިރު ތަނުގެ އެއްވެސް މެއިންޓަނަންސް މަސައްކަތެއްކޮށްފައިނުވާކަން ފާހަގަކުރައްވަމުން ޝައުފާ ވިދާޅުވީ، މުޅި ތަނުގެ މަރާމާތަށް 5 ލައްކަ ރުފިޔާގެ މަސައްކަތް ބިޑް ވާނީ މިނިސްޓްރީއަށް ފޮނުވާފައި ކަމަށެވެ. އަދި ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އައުޓްސޯސްކުރުމަށް ނިންމާފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޝައުފާ ވިދާޅުވީ މުޅި ތަނުގެ މަރާމާތުގެ މަސައްކަތް ނުފެށި ލަސްވަނީ މުޅި ދުނިޔެއަށް ދިމާވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ، މިސަރުކާރުން ތަނަށް ރަނގަޅު ބަދަލެއް ގެނައުމަށް މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުން މުވައްޒަފުންގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މުވައްޒަފުން ނެގުމަށް މިހާރު އިއުލާނުކުރެވި އިންޓަވިއުވެސް ކުރިވެފައިވާ ކަމަށެވެ.

މިސަރުކާރުން ސްޓޭޑިއަމްގެ ފެންވަރު އަދި ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރާއި ވަޒީރަށް އޮތް ކަމަށް ޝައުފާ ވިދާޅުވި އެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ސްވިމިންގ ޓްރެކް އާއި ޓާރފް ދަނޑުގައި ސްބްބޭސް ނިންމާލާފައިވާ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ހަތަރު ކޯޓް ހިމެނޭ ބެޑްމިންޓަން ކޯޓަކާއި އައުޓްޑޯ ޖިމެއް ހެދިގެންދާނެކަމަށް ޝައުފާ ވިދާޅުވި އެވެ. އަދި ޔޫތް މިނިސްޓްރީ އާއި ކައުންސިލާ ގުޅިގެން ސްކޭޓް ޕާރކެއް ތަރައްގީކުރުމަށްވެސް ނިންމާފައިވެ އެވެ.

ޝައުފާ ވިދާޅުވީ، ސްޓޭޑިއަމްގެ މަސައްކަތަކަށް ކައުންސިލާއި ޕަބްލިކް ވޯކްސް އަދި ކުލަބު ޖަމިއްޔާތަކުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުންތަކެއް ލިބެމުންދާ ކަމަށެވެ. ސްޓޭޑިއަމް މަސައްކަތު މީހުންގެ ގޮތުގައި އުޅެނީ އެންމެ ތިން މީހުންނެވެ. މިދިޔަ ސަރުކާރުގައި ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްތައް ނުކޮށް އެތަން ވިރާނާވާން ދޫކޮށްލާފައިއޮތުމުގެ ސަބަބުން ގިނަ ބައެއް ކަންބޮޑުވުންފާޅުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355