ހދ ވައިކަރަދޫގެ ކަނޑޫފާވެސް މަރުވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ. ކަނޑޫފަލުގެ ގަސްތައް މިދިޔަ ޖުލައިމަހުވެސް ހުރީ ވަރަށް ރީތިކޮށެވެ.
މިދިޔަ ޖުލައިމަހުވެސް ހދ ވައިކަރަދޫގެ ކަނޑޫފާ އޮތީ ވަރަށް ދުޅަހެޔޮކޮންނެވެ. ބޮޑެތި ކަނޑޫގަސްތަކާއި ކުދިން ކަނޑޫގަސްތަކުން މުޅި ސަރަހައްދު އޮތީ ފުރިފައި އެވެ. ފެންގަނޑުތެރެއަށް ވެއްޓިފައި ކަނޑުލުންވެސް ބައިވަރު ގަސްތައް ފަޅައި ހެދެމުންދިޔަ އެވެ. މުޅި ސަރަހައްދުގައި އޮތީ ފެހިކަމެވެ.
ނަމަވެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ރީތި ކަނޑޫފަލުގެ ބޮޑެތި ގަސްތައް ކިހި ދަނީ މަރުވަމުންނެވެ. ގާތްގަނޑަށް ދެ މަސްދުވަހެއްގެ ތެރޭގައި ބޮޑު ބަދަލެއް ކަނޑޫފަލަށް ވަނީ އައިސްފައި އެވެ. ގަސްތަކުގެ ފެހިކަން ގެއްލި މުޅިން ގަސްތައް ވަނީ މުށިކުލައަކަށް ބަދަލުވެފައި އެވެ.
ކަނޑޫފާ މަރުވާ މައްސަލާގައި އެރަށުގެ ޒުވާނުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އެގޮތުން އެރަށުގެ ޒުވާނެއްކަމަށް ހުސެއިން ނުވާސް ސޯޝަލް މީޑިއާގައި އިއްޔެ ލިޔެފައިވަނީ، އާންމު ގޮތެއްގައި ކަނޑޫފަލަށް ދަނީ ތަނުގެ ފެހިކަމާއި ތާޒާ ކަމުން ހިތްހަމަޖެހުން ހޯދުމަށް ކަމަށާ ހަމަ މި ބީދާއިން ދުވަސްކޮޅަކަށް ފަހު, އިއްޔެވެސް ހިނިތުންވެހުރެ ފޮނި އުންމީދާއެކު ހިތަށް ތާޒާކަމާއި ފިނިކަން ހޯދުމަށް ޓަކައި ކަނޑޫފަލަށް ދިޔަ ކަމަށެވެ. ނަމަވެސް އިއްޔެ ވެގެން ދިޔައީ އަނދިރި ދުވަހަކަށް ކަމަށް އޭނާ ލިޔެފައިވެ އެވެ.
"ފެހިފެހި ނަލަނަލަ ވައިކަރަދޫ ކަނޑޫފާގެ ބޮޑު ބައެއް އޮތީ މަރުވެފަ. ގަސްތަކުގެ ފެހިކަން ހުރީ މުށި ކުލައާ ކަޅު ކުލަޔަށް ބަދަލުވެފަ. ޗާލު ޗަކަ ބިން އޮތީ ހިކި ފަތްތަކުން ފުރި ބަރާ ވެފަ. އަދު ހޮވާކަށް ކަނޑުލެއް ނެތް. މިއީ ހިތަށް ކުޅަދާނަވާވަރަށް ވުރެ ވެސް ހިތާމަ ހުރި ކަމެއް. ހަލާކުވަމުން އެދަނީ އަހަރުމެން އެ ތަނަކާމެދު ފަހުރުވެރިވާ ކަނޑޫފާ." ނުވާސް ލިޔެފައިވެ އެވެ.
އެ ޒުވާނުން އިއްޔެ ވަނީ ކަނޑޫފަލުގެ ފޮޓޯތައް ނަގައި ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި އެވެ. ފޮޓޯތަކުން ފެންނަގޮތުގައި ކުރިން ފެން އޮތް އެ ކަނޑޫފަލުގައި ފެންތައް އޮތީ ހިނދިފައި އެވެ. ބިން އޮތީ ކިހި ފަތްތަކުން ފުރިފައި އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް ކޭއޯއަށް ވިދާޅުވީ، ކަނޑޫފާ މަރުވަމުންދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާ ގާތްގަނޑަށް ދެ މަސް ދުވަހުގެ ތެރޭގައި ބޯޅަދަނޑެއްހާ ބޮޑު ސަރަހައްދެއް މަރުވެފައިވާ ކަމަށެވެ.
ކައުންސިލުން މިއަދު ކަނޑުފަލަށް ގޮސް އެ ސަރަހައްދު ވަނީ ބަލާފައި އެވެ. އޭނާ ވިދާޅުވީ، ކަނޑޫފާ މަރުވާ މައްސަލަ ކަމާ ގުޅުން ހުރި މުވައްސަސާތަކަށް މިއަދު ހުށަހަޅާނެ ކަމަށެވެ. މިހާތަނަށް އައިއިރު އެއްވެސް އެކަމުގައި އެއްވެސް ދިރާސާއެއް ހެދިފައިނުވާތީ މަރުވާ މައްސަލަ ނޭނގޭ ކަމަށެވެ.
ދާދިފަހު ހދ ނޭކުރެންދޫ އާއި ކެލާ ކަނޑޫފާ މަރުވަމުންދާތީ ކަމާ ގުޅުން ހުރި މުވައްސަސާތަކުން ވަނީ ދިރާސާއެއް ހަދައިފައި އެވެ. އެ ސާވޭ އިން ދެއްކި ގޮތުގައި ދެ ރަށުގައި ތަފާތު މައްސަލަތަކެއް ހުއްޓެވެ. އަދި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވެގެނެވެ.