ކުޅުދުއްފުއްޓަށް ޖަމާވެފައިފާ ކުނިތައް ނަގައި ސާފުކޮށްދޭނެ ފަރަތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން ކުޅުދުއްފުއްޓަށް ޖަމާވެފައިވާ ކުނިތައް ނަގައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިނެވެ.
ކުޅުދުއްފުށީ ކުނިގޮނޑުގެ މައްސަލާގައި މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުނި ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައިވަނީ ކުނބުރޫދޫއަށެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން އިސްނަގައިގެން މިދިޔަ އޮގަސްޓް މަހު ވަނީ އެންވަރަޔަމަންޓް މިނިސްޓަރާއި ކުޅުދުއްފުށި މަޖިލިސް ދެ މެމްބަރުން ހިމަނައިގެން ވީޑީއޯ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކުނިގޮނޑު ނެގުމާއި ކުޅުދުއްފުއްޓަށް ގެންނަ ނިންމާފައިވާ އިންސިނަރޭޓަރު ނުގެނެވި ލަސްވާ ސަބަބު ހޯދުމަށާއި ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީތަކުގެ ޖަވާބު ނުލިބޭތީ އެވެ.
އެގޮތުން މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ކައުންސިލުން އެދުނުގޮތަށް ސީދާ މިނިސްޓްރީން ކުނިގޮނޑު ނަގަން ނިންމާފައިވާ ކަމަށާ އަދި އިންސިނަރޭޓަރު ގެނެސް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިން ރާވާފައިވާ ގޮތަށް ސީދާ މިނިސްޓްރީން ކުރަން ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށާ އެގޮތުން ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަސްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަޖެހޭނެ ކަމަށެވެ.
ފައިސާ ބަލާގަތުން އޮންނާނީ 20 ސެޕްޓެމްބަރުން ފެށިގެން 04 އޮކްޓޯބަރުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޯޓަލް (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ
ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ [email protected] މި މެއިލްއަށް ފޮނުވުމަށް ވަނީ އެދިފައެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 20 ސެޕްޓެންބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/75,000 (ހަތްދިހަ ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 5 އޮކްޓޫބަރު 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.