- ރަށުގެ ލަފާފުރުމަކީ ބޮޑު މައްސަލައެއް
- ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ވައުދެއް
- މިއީ 55 މިލިއަން ރުފިޔާއަށްވުރެ ބޮޑު މަޝްރޫއުއެއް
ޒަމާނުންސުރެ ށ ފޯކައިދޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލަފާފުރުމުގެ ދަތިކަމެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށް ރައްކާތެރި ބަނދަރަކަށްނުވި އެވެ.
އަހަރުގެ ބޮޑުބައި ނިމިގެންދާއިރުވެސް ބަނދަރުގެ ބޭނުމެއް ނުހިފެ އެވެ. ބަނދަރު ގަދަކަމުންނެވެ. އެއްވެސް ރައްކާތެރިކަމެއް ނުލިބޭތީ އެވެ. އެކަމަކު ދުވަސްވީ އެމައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދާއެކު ރައްޔިތުން އުފަލުން ފޮޅުނެވެ.
މިއަދަކީ އެ ވައުދު ހަގީގަތަކަށްވާނެކަން ޔަގީންވި ދުވަހެކެވެ. ފޯކައިދޫ ބަނދަރު ހަދަން ބޭނުންވާ ސާމާނު މިއަދުގެ ވަނީ ރަށަށް ގެންގޮސްފައި އެވެ.
އެކަމަށްޓަކާ ރަށުގެ ބަނދަރު ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، ގިނަ ބަޔަކު ނުކުމެ ވަނީ އެމްޓީސީސީގެ ވަފުދަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ، މިކަމަށްޓަކާ އުފާފާޅުކުރުމަށް މިއަދު ހަވީރު އެރަށުގައި ހާއްސަ ކަންތައްތަކެއް އޮންނާނެކަމަށެވެ. އެގޮތުން ތަފާތު ސަގާފީ ހަރަކާތް އޮންނާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިއަދު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.
ޕްލޭނިންގ މިނިސްޓްރީ އާއި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 29 ޑިސެމްބަރ 2019 ގައި އެވެ. މިއީ 55.97 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.
އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.