ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ދިމާވެފައިވާ ގެއްލުމުން އަރައިގަތުމަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް 3.9 ބިލިއަން ރުފިޔާ (250 މިލިއަން ޑޮލަރު) ގެ އެހީއެއް ދީފިއެވެ.
މިއީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެންނެވުމުން އެގައުމުން ދިން އެހީއެކެވެ. އެގޮތުން މި އެހީ ފޯރުކޮށްދޭނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލެ ބްރާންޗް މެދުވެރިކޮށް، ޓްރެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގަ އެވެ.
މި އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައިއަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފަ އެވެ. މި ފައިސާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނީ 10 އަހަރުގެ ރީޕޭމެންޓް ޓެނިއާއަކަށް ފަހު އެވެ.
ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް އިންޑިޔާއިން ވަނީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން މާޗު މަހުތެރޭ އިންޑިއާ އިން ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ފޮނުވާފައިވާއިރު 5.5ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއްވެސް ވަނީ ފޯރުކޮށްދީފަ އެވެ.
އަދި މެއި މަސްތެރޭގައިވެސް 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް ވެސް ދީފައިވާއިރު 580 ޓަނުގެ ކާބޯތަކެތީގެވެސް ވަނީ ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން އިންޑިއާގެ ބޯޑަރުތައް ބަންދުކޮށްފައިވުމާ އެކު، ރާއްޖެއިން ލިބެން ނެތް ފަރުވާ ބޭނުންވާ ކްރިޓިކަލް ޕޭޝަންޓުންނަށް އިންޑިއާއަށް ދަތުރުކުރުމުގެ މަގު އިންޑިއާ އިން ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ފާއިތުވި ހަފްތާތަކުގެ ތެރޭގައި އަށް ބެޗެއްގެ ގޮތުގައި 500 ދިވެހިން ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ދަތުރުކޮށްފަ އެވެ.