ކޮޗިން ފެރީގެ އިންތިޒާމުތަކަށާއި އެ މަންޒަރު ލައިވްކުރުމަށް މާލެއިން އައި ފަރާތްތަކުން ކަރަންޓީންވެނުވާތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ކޮޗިން ފެރީ ކުޅުދުއްފުށީ ބަނދަރަށް މާދަމާގެ ފަތިހުގެ ވަގުތެއްގައި ވަންނާނެ އެވެ. އެކަމަކު އެ ރަސްމިއްޔާތު އޮންނާނީ މާދަމާ މެންދުރު 11 ޖަހާއިރު އެވެ. އެކަމުގެ އިންތިޒާމުތަކަށް މާލޭގެ ބައެއް މީޑިއާތަކާއި ކަމާ ގުޅުން ހުރި މުވައްސަސާތަކުގެ ފަރާތުން ގިނަ ބަޔަކު ކުޅުދުއްފުއްޓަށް އައިސްފައިވެ އެވެ.
ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވައި އަބުދުއްރަހުމާން އިސްމާއިލް ވިދާޅުވީ، މާލެއިން އަންނަ ހުރިހާ ރައްޔިތުންނެއްވެސް ކަރަންޓީންވެ އެޗްޕީއޭގެ އުސޫލުތަކަށް ތަބާވަމުންދަނިކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްބުނެ މާލެއިން ކުޅުދުއްފުއްޓަށް އައިސް ކަރަންޓީންނުވެ ރަށުތެރޭގައި ނުކުމެ އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ފެރީގެ އިންތިޒާމުތަކަށް ގުޅުން ހުރި މުވައްސަސާތަކާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް އަދި ރާއްޖެޓީވީގެ ނޫސްވެރިން، ސީދާ މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވާ ކަމަށެވެ. އެ މީހުން ކަރަންޓީންވެފައިނުވާއިރު އާންމުތަންނަށާއި ގެތަކަށް ވަދެ އުޅުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި މިކަމަކީ ކޮވިޑް-19 ކުޅުދުއްފުށީގައި ފެތުރިދާނެ ކަމެއް ކަމަށެވެ.
" އެޗްޕީއޭއިން ހާއްސަ ހުއްދައެއް ނުދެވޭނެ. މިއީ ހުއްދަދެވޭނެ ކަންތައްތަކެއް ނޫން. މިރަށަކީ ﷲ ގެ ރަހުމަތުން ކޮވިޑް އޮތް ރަށެއް ނޫން. މި މީހުން މިތަނަށް އައިސް އާންމުގެ ތެރޭގައި ކަރަންޓީންނުވެ ހޮޓާތަކަށާއި ރެސްޓޯރެންޓްތަކަށް ދެވެންވީ." އަދުރޭ ވިދާޅުވި އެވެ.
އަދި އެކަމުގެ ކަންބޮޑުވުން ރައްޔިތުން އެފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މިކަމުގައި ކަންބޮޑުވުންފާޅުކުރަމުން ޕީޕީއެމް ކުޅުދުއްފުށީގެ އިސް އެހެން އޮފިޝަލެއްކަމަށް އިބުރާހިމް އަހުމަދު (ސިއްތި އިބުރާހިމް) ވިދާޅުވީ، އާންމު ނިކަމެތި ރައްޔިތުން މާލެ ގޮސް އައިސް ކަރަންޓީންވާން ޖެހޭއިރު މި މީހުން ކަރަންޓީންވާން ނުޖެހުމަކީ ދެކޮޅު ޖެހޭ އުސޫލެއް ނޫން ކަމަށެވެ.
އެޗްޕީއޭގެ ހާއްސަ ހުއްދައެއް ދޫކުރުމަކީ ކޮވިޑް ނުޖެހޭނެ ސަބަބެއްތޯވެސް އޭނާ ވަނީ ސުވާލު އުފައްދާފައި އެވެ. އަދި ސަރަހައްދީ ބަނދަރު ސަރަހައްދުގައި އިންޑީޔާގެ ދިދަ ޖަހާފައިހުރުމުން އެއީ އިންޑިޔާއަށް "ވިއްކާލާ"ފައިވާ ބައެއް ތޯވެސް ވަނީ ސުވާލު އުފައްދާފައި އެވެ.