ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކަ އިން ކުރަމުންގެންދާ މަޝްރޫއުގެ ދަށުން، ހއ އިހަވަންދޫއަށް އެއް މެގަވޯޓްގެ ޖަނެރޭޓަރު ސެޓެއް ގެނެސްފި އެވެ.
3500 އެއްހާ ރައްޔިތުން ދިރިއުޅޭ އިހަވަންދޫއަކީ ހއ އަތޮޅުގައި އެންމެ ތަނަވަސް ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓްގެ މައްސަލަ ހައްލުނުވެ އޮތުމެވެ.
އެގޮތުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމާއި ރަށުގެ ދުރު ސަރަހައްދުތަކަށް އެކަށީގެންވާ މިންވަރަށް ކަރަންޓްގެ ހިދުމަތް ނުލިބުމުގެ އިތުރުން ވޯލްޓޭޖް ޑޮރޮޕްވާ މައްސަލައަކީ ބޮޑެވެ.
ނަމަވެސް ޒަމާންވީ މިމައްސަލަ ހައްލަކުރުމަށް ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ރަށުގެ ކަރަންޓް މައްސަލަތައް ހައްލަކުރުމަށް ފެނަކައިން ބޮޑު މަޝްރޫއެއް ފަށާފައިވާ ކަމަށެވެ. އަދި މިގެނެވުނު އެއް މެގަވޯޓްގެ ޖަނަރޭޓަރު ސެޓަކީ އެ މަޝްރޫއުގެ ތެރެއިން ގެނެވުނު ޖަނަރޭޓަރެއް ކަމަށެވެ. މިހާރު އެރަށުގައި ބޭނުންކުރަމުންދާ ކުޑަ ތިން އިންޖީނެވެ.
ރަޝީދު ވިދާޅުވީ، މިމަޝްރޫއުގެ ދަށުން އެރަށުގައި ފުރަތަމަ ފަހަރަށް ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށާ އެކަމަށް ބޭނުންވާ ބިންވެސް ކައުންސިލުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން އިހަވަންދޫގައި ފަސް ސަރަހައްދެއްގައި ޓްރާންސްފޯމަރު ބެހެއްޓުމަށް ބިންދޫކޮށްފައިވާ ކަމަށެވެ.
އިހަވަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން އާ އިންޖީނުގެއެއް އިމާރާތްކޮށްފައިވާއިރު އިންޖީނުގެ އާ އޮޕީސް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ފެނަކައާ ހަވާލާދީ ރަޝީދު ވިދާޅުވި އެވެ.
ގިނަ ރަށްތަކަކަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް ފެނަކައިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.