ކުރީގެ ސަރުކާރުތަކުން ނަގާފަައި ހުރި ލޯނުތައް ޖޫރިމަނާއަކާ ނުލައި ދެއްކޭ ގޮތް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2012 ން 2018 ވަނަ އަހަރާ ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން ޖެހިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކަމަށެވެ. އޭގެ ތެރެއިން ގިނަ ލޯނުތައް ދައްކަން ޖެހެނީ 2021 އިން 2023 އަށް ކަމަށާއި އެހެންނަމަވެސް މިވަގުތު ސަރުކާރުގައި އާމްދަނީއެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
Enme ginain dhakkan jehenee 2021-2023 aai dhemedhu. Alhugandu dhekey gothugai adhuge haalathuga enme buhdhiveri gothakee 2012-2018 ge dharani ithuru jurimanaa akaa nulaa binaa (restructure) kurun.
— Mohamed Nasheed (@MohamedNasheed) October 10, 2020
ރައީސް ނަޝީދު ވިދާޅުވީ، ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެހާވަރަށް ދައުލަތުގެ އާންމުދަނީ ނެތުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މިއަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012-2018 ގެ ދަރަނި އިތުރު ޖޫރިމަނާއަކާއި ނުލާއި ރިސްޓްރަކްޗާރ ކުރުންކަމަށެވެ.
ލޯނުތައް ރީ ސްޓްރަކްޗާ ކުރަން ނަޝީދު ގޮވާލެއްވިއިރު، ޗައިނާ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯނުތަކަށް ލުއި ދިނުމަށް މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
ޗައިނާގެ ފަރާތުން ރާއްޖެއިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރަށް ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރެވެ. ދެން ހުރީ ސަރުކާރުން ގެރެންޓީ ދީގެން ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ރާއްޖެއިން އެކި ގައުމުތަކުން ނަގާފައިވާ ލޯނުތައް ލުއި ކޮށްދިނުމަށް ކުރެވެމުންދާ މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ރާއްޖެއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ މި ގޮންޖެހުންތަކުން އަރައިގަތުމަށް ޖީ-20 ގައުމުތަކުގެ ޑެޓް ސަސްޕެންޝަން އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވެގެން މަސައްކަތް ކުރަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.