ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދެވެންދެން ރައްޔިތުންގެ މަޖިލިސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުުމަތު ކުރެވޭ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަ އެވެ. އެކަމަކު މިނިސްޓަރު އަމީން ވަކިކުރަން މަޖިލީހަށް އިއްޔެ މައްސަލަ ވައްދާފައި ވަނިކޮށް، އޭނާ ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް ނަޝިދު ވިދާޅުވީ، ވެންޓިލޭޓަރުތައްކުގެ ކޮރަޕްޝަންގައި ބައިވެރިވި މީހުން ހޯދި، އެމީހުނަށް ހައްގު އަދަބުދީ، ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދެންދެން ފާރަވެރިވެ އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބެއް ކަމަށެވެ.
ދައުވާ ނުކުރަން ޕީޖީން ނިންމި ނަމަވެސް، އެ މައްސަލަ ފުލުހުންނާ ގުޅިގެން އަލުން ބަލާނެ ކަމަށް އޭސީސީން މިއަދު ވަނީ ބުނެފަ އެވެ.
ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުތައް އޮޑިޓްކޮށް އޮޑިޓް އޮފީހުން އާންމު ކުރި ރިޕޯޓްގައިވާ ގޮތުގައި މަކަރާއި ހީލަތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަނީ ހަރަދުތަކެއް ކޮށްފަ އެވެ.
އެ މައްސަލައިގައި އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ފާސް ނުވިޔަސް، އެ ޕާޓީގެ 24 މެމްބަރެއްގެ ސޮޔާ އެކު އަމީން ވަކި ކުރުމުގެ މައްސަލަ ރޭ މަޖިލީހަށް ވެއްދި އެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ޖަވާބުދާރީވުމުގެ ނޯޓިސް ރޭ ފޮނުވާފައި ވަނިކޮށެވެ.