- ލޯކަލް ޓްރާންސްމިޝަނަށްފަހު ޖުމްލަ 220 ރޭންޑަމް ސާމްޕަލެއް ނެގި
- ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް
- މޮނިޓަރިން ރަށް ނަގާނީ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ޔަގީންކުރުމަށްފަހު
ކުޅުދުއްފުށި ސިޓީން އެންމެ ފަހުން ފެނުނު ކޮވިޑް-19 ގެ ކޭސްއާ ގުޅިގެން މިދިޔަ 25 ވަނަ ދުވަހު ނެގި ރޭންޑަމް ސާމްޕަލްތައް ނެގެޓިވްވެފައިވާކަމަށް އެޗްއީއޯސީ ބުނެފި އެވެ.
އެންމެ ފަހުން ކުޅުދުއްފުށިން ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ މިމަހު 18 ވަނަ ދުވަހު އެވެ. އެއީ އެއް އާއިލާއެއް ހަތަރު މެމްބަރުން ޕޮޒިޓިވްވެގެންނެވެ.
އެޗްއީއޯސީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ، އެންމެ ފަހުން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ކުޅުދުއްފުށިން ރޭންޑަމް ސޭމްޕަލް ނެގުމުގެ ދެވަނަ ރައުންޑެއް 25 ވަނަ ދުވަހު ކުރިއަށްގެންގޮސްފައިވާ ކަމަށާއި އެގޮތުން 100 ރޭންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
އެ ސަތޭކަ ރޭންޑަމް ސާމްޕަލް ނެގެޓިވްކަމަށް މައުރޫފް ވިދާޅުވި އެވެ. މައުރޫފް ވިދާޅުވީ، މިމަހުގެ 18 ވަނަ ދުވަހަށްފަހު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށްދާ ބައެއް ފަރާތްތަކުން ސާމްޕަލް ނަގަމުންދާ ކަމަށާއި އެގޮތުން އެފަދަ 84 ސާމްޕަލެއް ނެގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަހަރުވެސް ރޭންޑަމް ސާމްޕަލްތައް ނަގާފައިވަނީ އާންމު ހިދުމަތްދޭ ތަންތަނުން ކަމަށާއި އެގޮތުން ގޭބިސީތަކުން 15 ސާމްޕަލަކާއި ކެފޭ/ރެސްޓޯރެންޓް/ފިހާރަތަކުން 25 ސާމްޕަލެއް އަދި އާންމު ހިދުމަތްދޭ ތަންތަނުން 9 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން ޓެކްސީތަކުން 11 ސާމްޕަލެއް ނެގިކަމަށް މައުރޫފް ވިދާޅުވި އެވެ.
ކުޅުދުއްފުށި ސިޓީ މިވަގުތު އޮތީ ލޯކަލް ޓްރާންސްމިޝަނެއްގައި އެވެ. ރަށް ކަރަންޓީނުން ނަގާނީ ބަލި ފެތުރިފައި ނެތްކަން ޔަގީންކުރުމަށްފަހު ކަމަށާ އެކަން ޔަގީންކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާކަމަށް މައުރޫފް ވިދާޅުވި އެވެ.
މިމަހު 21 ވަނަ ދުވަހުވެސް ކުޅުދުއްފުށީގައި ވަނީ ރޭންޑަމް ސާމްޕަލްތަކެއް ނަގާފައި އެވެ. އެފަހަރު 120 ސާމްޕަލެއް ނެގިއިރު އެ ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް އެވެ.
އެފަހަރު ސާމްޕަލްތައް ނަގާފައިވާގޮތްތަށް ބަލާލާއިރު، ގޭބިސީތަކުން 25 ސާމްޕަލެއް ނަގާފައިވާއިރު ބިދޭސީ މަސައްކަތްތެރިން ތެރެއިން 35 ސާމްޕަލެވެ. އަދި 17 ސާމްޕަލެއް ފިހާރަތަކުން ނަގާފައިވާއިރު ކެފޭ/ރެސްޓޯރެންޓްތަކުން 13 ސާމްޕަލެއް އަދި ޓެކްސީތަކުން 11 ސާމްޕަލެއް ނަގާފައިވެ އެވެ.
ކުޅުދުއްފުށި ކޭސްއާ ގުޅިގެން އެޗްއީއޯސީގެ ހާއްސަ ޓީމެއްގެ އިރުޝާދުގެ ދަށުން ކުޅުދުއްފުށި ޓާސްކް ފޯސްއިން ދަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ހޮޓްލައިންއަށް ގުޅައި އެންގުމަށްވެސް އިލްތިމާސްކުރެއްވި އެވެ.
މައުރޫފް ވިދާޅުވީ ސްޕްރެޑެއް ނެތްކަން އެނގޭނީ 14 ދުވަސްފަހުން ރިލީޒް ސާމްޕަލް ނަގައި ޓެސްޓުންކުރުމުން ކަމަށާ އެހެންވުމުން މިދުވަސްތަކުގައި ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރި އެވެ. އޭނާ ވިދާޅުވީ، ސާމްޕަލްތައް ނެގެޓިވް ވިޔަސް އަދި ލުއިކޮށް ނުދެކުމަށާއި ބޭރުގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުމަށެވެ. އަދި މާސްކް އަޅައިގެން ބޭރުގައި އުޅުމަކީ ވަރަށް މުހިންމުކަމެއްކަމުގައި މައުރޫފް ވިދާޅުވި އެވެ.