twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބްރިޖު މަޝްރޫއަށް އިންޑިއިންދޭ ހިލޭ އެހީގެ އެމްއޯޔޫގައި ސޮއިކޮށްފި

ނަބީލާ އިސްމާޢީލް
Nov 10, 2020

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫއަށް އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެމްއޯޔޫ ގައި ސޮއިކޮށްފިއެވެ.

އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

އިއްޔެ ފޮރިން މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދާން ޝްރިންގްލާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެ ސަރަހައްދު ގުޅުވައިލާ ބްރިޖުތައް އެޅުމުގެ ޕްރޮޖެކްޓަށް ހަރަދުކުރާ 500 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާ އިން ދޭ ހިލޭ އެހީއެކެވެ. އަނެއް 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެ އަަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ "ލައިން އޮފް ކްރެޑިޓް ފެސިލިޓީ" އިން ހަރަދުކުރާ ފައިސާ އެވެ. "ލައިން އޮފް ކްރެޑިޓް ފެސިލިޓީ" އިން އެ ޕްރޮޖެކްޓަށް ދޫކުރާ 400 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާއި ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ.

ރާއްޖެ އާއި އިންޑިއާ އިން އިއްޔެ އެހެން ތިން އެމްއޯޔޫއެއްގައި ވެސް ސޮއިކުރި އެވެ. އެއީ ޒުވާނުންނާއި ކުޅިވަރުގެ ކަންތައްތަކުގައި އެއްބާރުލުން ދިނުމުގެ އެމްއޯޔޫއަކާއި ހދ. ހަނިމާދޫގައި ދަނޑުވެރިކަމާ ބެހޭ ރިސާޗް ސެންޓަރެއް އެޅުމާއި އައްޑޫ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހެދުމުގެ އެމްއޯޔޫ އެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހަނިމާދޫގައި ރިސާޗް ސެންޓަރު އަޅަން 1.7 މިލިއަން ރުފިޔާ، ހުޅުދޫގައި ޑިޓޮކްސިފިކޭޝަން ސެންޓަރު ހަދަން ނުވަ މިލިއަން ރުފިޔާ އިންޑިއާ އިން ފޯރުކޮށްދޭން މިއަދު ސޮއިކުރި އެމްޔޫގައި އެއްބަސްވެފައިވާ ކަމަށެވެ.

މާލެ-ވިލިމާލެ ބްރިޖްގެ ޕްރޮޖެކްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާތަނަށް އިއުލާނު ކޮށްފައިވާ އެންމެ ބޮޑު ޕްރޮޖެކްޓެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ.

އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ އެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355