twitterviber whatsapp telegramfacebookyoutube instagram
27th April 2024

67 ރަށެއްގައި ޕާކު ހަދަން ބޭނުންވާ ސާމާނު އިންޑިއާއިން ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Nov 10, 2020

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމުކުރާ ކުޑަކުދިންގެ ޕާކު ހަދަން ބޭނުންވާ ސާމާނު ދިވެހި ސަރުކާރާއި ހަވާލުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ތަކެތި ހަވާލު ކޮށްދެއްވީ ރަސްމީ ދަތުރެއްގައި މިދިޔަ އާދިއްތަ ދުވަހު ރާއްޖެ ވަޑައިގަތް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ 67 ރަށުގައި ގާއިމުކުރެވިގެންދާ ކުޑަކުދިންގެ ޕާކުތަކުގެ ސާމާނު ލިބިފައިވާ ކަމަށާއި، މިހާރު ކުރިޔަށްދާ މަސައްކަތްތަކަކީ މި ސާމާނު ރަށްރަށަށް ފޮނުވައި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ވަނީ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ވެސް ދިވެހި ސަރުކާރާއި ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޕާކުތައް ހެދުމުގެ މި މަސައްކަތަށް އިންޑިއާ ސަރުކާރުން ހަދިޔާކުރީ 6.7 މިލިއަން ރުފިޔާގެ ތަކެއްޗެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، މަގާމަށް ހަވާލުވެވަޑައިގަތުމަށް ފަހު، ގިނަ ރަށްރަށަށް ދަތުރު ކުރެއްވި ކަމަށާއި ނަމަވެސް ކުޑަކުދިންނަށް ހާއްސަ ޕާކު ފެނިވަޑައިގަތީ ވަރަށް މަދު ރަށަކުން ކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ޕާކުތައް ހެދުމަކީ ކުޑަ މަސައްކަތެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް، އެފަދަ ވަސީލަތްތައް ނެތް ރަށްރަށަށް މިއީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ. އަދި ކުޑަކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމްކުރެވޭ ޕާކުތަކާއި ޖިމްތަކުގެ ސަބަބުން މި އަމާޒަށް ވާސިލުވުމަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355