twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބައިނަލް އަގުވާމީ މުބާރާތަކުން ނޭކުރަންދޫ ސްކޫލަށް ފަހުރުވެރި ކާމިޔާބީއެއް

ނަބީލާ އިސްމާޢީލް
Nov 24, 2020

އެމެރިކާގެ މެންގްރޫމް އެކްޝަން ޕްރޮޖެކްޓް (މެޕް)ގެ ފަރާތުން މުޅި ދުނިޔޭގެ ހުރިހާ ސްކޫލުތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި 19 ވަނަ "ޗިލްޑްރަންސް މެންގްރޫވް އާރޓް ކަލަންޑަރ ކޮންޓެސްޓްގެ ފަހުރުވެރި 1،2، އަދި 3 ވަނަ ހދ. ނޭކުރަންދޫ ސްކޫލުގެ ދަރިވަރުން ކާމިޔާބު ކޮށްފި އެވެ.

ސޭވް މޯލްޑިވްސްގެ ފަރާތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ މި މުބާރާތަކީ ކަނޑޫފާ، ކުޅި، ޗަސްބިން ތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި އެތަންތަނުގެ މުހިންމުކަން އަންގާދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު މެޕްގެ ފަރާތުން ބާއްވަމުން އަންނަ ކުރެހުމުގެ މުބާރާތެއް ކަމަށެވެ. މިއީ އެ ގޮތުން މި މުބާރާތް ބާއްވާ 19 ވަނަ އަހަރު ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް އޮތް މި ފުރުސަތުގައި ރާއްޖެއިން ހަމަ އެކަނި މި މުބާރާތުގައި ބައިވެރިވީ ނޭކުރަންދޫ ސްކޫލުންނެވެ. އަދި މި ފަދަ ކުރެހުމުގެ މުބާރަތަކުން ރާއްޖެއަށް ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.

މެޕް އަކީ ދުނިޔޭގައި ކުޅި، ފާ އަދި ޗަސް ބިންތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ.

ނޭކުރަންދޫ ސްކޫލުގެ ތިމާވެށި ކުލަބުގެ ކޯޑިނޭޓަރ އަދި ނޭކުރެންދޫ ސްކޫލްގެ ފަރާތުން މި މުބާރާތުގެ ކަންތައްތަކުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި އާއިޝަތު ޒައިނާ ކޭއޯ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ސްކޫލުން މި ފަދަ ބައިނަލްގުވާމީ ބޮޑު މުބާރާތެއްގައި މި ސްކޫލުން ބައިވެރިވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

34 ގައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ނޭކުރަންދޫ ސްކޫލުގެ 6 އަހަރާއި 16 އަހަރުގެ އުމުރުފުރާއިން 71 ދަރިވަރުން ބައިވެރިވި ކަމަށް ޒައިނާ ވިދާޅުވި އެވެ.

މި މުބާރާތުގެ ފަހުރުވެރި 1 ވަނަ ހާސިލް ކުރި ދަރިވަރަކީ ނޭކުރެންދޫ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރު، އުމުރުން 11 އަހަރުގެ މުހައްމަދު ވިޝާލް ވަޖީހެވެ. މުބާރާތުގެ ފަހުރުވެރި 2 ވަނަ ހޯދި ދަރިވަރަކީ ނޭކުރަންދޫ ސްކޫލުގެ ގުރޭޑް 6 ގެ ދަރިވަރު އުމުރުން 12 އަހަރުގެ ހާޖަރަތު ޒުހާ އެވެ. އަދި ފަހުރުވެރި 3 ވަނަ ހާސިލްކޮށްފައިވަނީ ނޭކުރަންދޫ ސްކޫލުގެ ގުރޭޑް 5 ގެ ދަރިވަރު އުމުރުން 11 އަހަރުގެ މަރިޔަމް ލައިޝާ އަލީ ޝިހާމެވެ.

މި ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ސްކޫލުގައި އެކަމަށް ހާއްސަކޮށްއޮތް އެސެމްބްލީގައި ވަނީ ހަނދާނީ ލިއުމަކާއި ޓްރޮފީ އެ ދަރިވަރުންނަށް ހަވާލުކޮށްފަ އެވެ.

ޒައިނާ ވިދާޅުވީ މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން ބައިވެރިވެފައިވަނީ ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ''ސޭވް މޯލްޑިވްސް'' ގެ އެހީތެރިކަމާއެކުގަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355