ހދ. ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރުން އިސްނައިގެން މިއަހަރުގެ ކުޑަކުދިންގެ ދުވަސް އަތޮޅު ފެންވަރުގައި ނޭކުރެންދޫގައި ފާހަގަކުރަން ނިންމައިފި އެވެ.
އެގޮތުން މިއަހަރުގެ ކުޑަ ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނޭކުރެންދޫގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަ ކުދިންގެ ހަވީރަކާއި، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ހިމެނެއެވެ.
ހދ އެފްސީއެސްސީ ހިންގުމާ ހަވާލުވެހުންނެވި، އެސިސްޓެންޓް ޑިރެކްޓަރ ޝަބާނާ އަލީ ވިދާޅުވެފައިވަނީ، ބޮޑުބެރުގެ ހަރަކާތާއެކު ކުރިއަށްގެންދާ މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ގިނަ ކުޅިވަރުތައް ހިމެނޭނެ ކަމަށާއި މިއީ ވަރަށް ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ހަވީރެއް ކަމަށެވެ.
ހުކުރުދުވަހު ހަވީރު ކުރިއަށްދާ މި އިވެންޓްގައި ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކުންވެސް ބައިވެރިވާނެކަމަށް ޝަބާނާ ވިދާޅުވި އެވެ. މި ހަވީރުގައި ނޭކުރެންދޫގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވެ އެވެ.
ހދ އެފްސީއެސްސީ އާއި ނޭކުރެންދޫ ކައުންސިލް އިދާރާގެ އިތުރުން މި ހަރަކާތުގައި ދިވެހި ރެޑްކުރެސެންޓާއި ފުލުހުންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ފެނަކަ، ނޭކުރެންދޫ ހެލްތް ސެންޓަރުގެ އަދި ކުލަބް ޖަމިއްޔާތައް ހިމެނެ އެވެ.
މި ހަވީރު ކުރިއަށްދަނީ ނޭކުރެންދޫގައި ކަޅުއޮށްފުންމި ބަން ސަރަހައްދު އަތިރިމަތީގަ އެވެ. މިއަހަރު ކުޑަކުދިންގެ ދުވަހަކީ މެއި 10 އެވެ.