އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާނެ އާ ސްޓިކާއެއް ތައާރަފުކޮށްފި އެވެ. މީރާ އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ އަންނަ އަހަރުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް އަމިއްލައަށް ޕްރިންޓްކުރެވޭނެ ގޮތަށް ކަމަށެވެ.
އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށްވެސް ޖެނުއަރީ އެކަކުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ މި ސްޓިކާ ކަމަށާއި ނަމަވެސް މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރާނެ ކަމަށެވެ.
އަހަރީ ފީ ސްޓިކާއަށް ގެނައި ބަދަލާއެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދަން ފަސޭހަ ވާނެ ކަމަށް މީރާ އިން ބުންޏެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީ އިން އަބަދުވެސް މަސައްކަތް ކުރަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
މީރާއިން ފޯރުކޮށްދޭ މައިގަނޑު ހުރިހާ ހިދުމަތެއް މިހާރު މީރާއަށް ނުގޮސް އޮންލައިންކޮށް ލިބޭނެކަމަށް މީރާއިން ބުންޏެވެ.