ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރަންޖެހޭ ކަމަށާއި އެކަމަށް ޓަކައި ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ އެ ބަދަލު ގެނައުން ވެސް މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ނަޝީދު މިހެން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ. މަޖިލީހުގެ ޗުއްޓީ ނިމި ދެން ޖަލްސާތައް ފަށާނީ އަންނަ ފެބްރުއަރީމަހު އެވެ.
އިންތިހާބު ބޭއްވުން ލަސްވަމުން ދާތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ ރޭ އެކަމާއި ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
ޝަރީފު ރޭ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެހެން ގައުމުތަކުގައި އިންތިހާބުތައް ބޭއްވި ނަމަވެސް ރާއްޖޭގައި އިންތިހާބު ނުބޭއްވި ލަސްވަނީ ލޯކަލް ކައުންސިލް އިންތިހާނުގެ ހާއްސަ ގާނޫނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ދީފައިވާ ބާރުގެ ސަބަބުން ކަމަށެވެ.
ންތިހާބާ ބެހޭ ކަންތައްތައް އީސީއަށް ކުރިއަށް ގެންދެވޭނީ ކޮވިޑް-19 ފެތުރޭތީ އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާ އިންތިހާބު ބޭއްވުމަކީ އާއްމު ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމެއްކަން އެޗްޕީއޭއިން އިއުލާނު ކުރުމުންނެވެ.
ކޮވިޑް ފެތުރޭތީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކޮށް، އެކަމަށް އެޑްރެސްކުރަން ސަންސެޓް ގާނޫނުތަކެއް ހެދުމަށް ފަހު އިންތިހާބު ބޭއްވޭނެ ކަމަށް ކުރިން ބެލެވުނީ އަންނަ މާޗްމަހު އެވެ. އެކަމަކު ކޮވިޑް-19އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އަނެއްކާވެސް ދިގު ދެންމުމުން ލޯކަލް ކައުންސިލް އިންތިޚާބު މާޗް މަހުގައި ނުބޭއްވޭނެކަން އިއްޔެ ވަނީ ޔަގީން ވެފަ އެވެ.