އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން މިމަހު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ބުނެފިއެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމުގެ އުސޫލުތައްވެސް އެކުލަވާލަފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.
މިއުސޫލުތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށާއި ކޮވިޑް-19ގެ ހާލަތުގައި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ގޮތާމެދު ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފާ ލިބިފައިވާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އަތޮޅު ކައުންސިލަރުން މީގެ ކުރިން ހުވާކުރަމުން އައި ގޮތަށް ފަނޑިޔާރުންގެ ކުރިމަތީގައި ހުވާކުރަން ނިންމާފައިވާ ކަމަށާއި ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ކާފިއު އިއުލާނުކޮށްފައިވާ އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ހުވާކުރާނެ ގޮތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރަސްމިއްޔާތަށް ހާޒިރުވެ، ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތަށް އެކަން ނުވެއްޖެ ނަމަ ވަރޗުއަލްކޮށް ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
އެގޮތުން ފަނޑިޔާރުން ހަމަޖެހި، އެކަން ރާވާލާއިރު އެއްވެސް ރަށެއްގެ ހުވާ އިރުއޮއްސޭއިރަށް ނުނިމިއްޖެ ނަމަ އެ އަތޮޅެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެއްވެސް ރަށެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު މެންދުރުވާއިރަށް ނިންމާލެވި ދަތުރުކުރުގެ ފުރުސަތު ހުޅުވާލެވިފައިވާނަމަ ރަސްމިއްޔާތަށް ހާޒިރުވެ އަތޮޅު ކައުންސިލަރުން ހުވާކުރުމުގެ ފުރުސަތު ދޭނެކަމަށް ރަޝީދު ވިދާޅުވިއެވެ.