ކުޅުދުއްފުށީގައި 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ހުޅުވާލުމުން އެކަމަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އާންމުކޮށް ހުޅުވާލައިގެން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ފުރަތަމަ ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ އަންގާރަ އާއި މިއަދުވެސް ވެކްސިން ދިނުމުގެ ކަންކަން އޭއީސީގައި ކުރިއަށްދާނެ އެވެ.
އަންގާރަ ދުވަހު ކުޅުދުއްފުށީގައި 600 މީހުން ކޮވިޑް-19 ވެކްސިން ޖެހިއިރު އާދިއްތަ ދުވަހު ވަނީ 589 މީހަކު ވެކްސިން ޖަހާފަ އެވެ. އެއާއެކު ކުޅުދުއްފުށީގައި ވެކްސިން ޖެހި މީހުންގެ އަދަދު 2896 އަކަށް އަރާފަ އެވެ.
ކުޅުދުއްފުށީގެ އިތުރުން އިއްޔެވެސް ހދ އަތޮޅުގެ އެހެން ބައެއް ރަށްތަކުގައިވެސް ވަނީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން ހަނިމަދޫގައި 108 މީހަކު ވެކްސިން ޖެހިއިރު ހިރިމަރަދޫ އާއި ނޮޅިވަރަންފަރުގައި 24 މީހަކު ވެކްސިން ޖެހި އެވެ.
ނެއްލައިދޫގައި 36 މީހަކު ވެކްސިން ޖެހިއިރު ނޮޅިވަރަމުގައި 48 މީހަކު އަދި ކުރިނބީގައި 12 މީހަކު ވެކްސިން ޖެހި އެވެ. މީގެ އިތުރުން މަކުނުދޫގައި 60 މީހުން އިއްޔެ ވެކްސިން ޖަހާފައިވާކަން ފާހަގަކުރެވެ އެވެ. ހދ އަތޮޅުގައި ވެކްސިން ޖެހި ޖުމްލަ އަދަދަށް ބަލާއިރު 6272 މީހަކު ވަނީ މިހާތަނަށް ކޮވިޑް-19 ގެ ވެކްސިން ޖަހާފަ އެވެ.