twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް

ޚަދީޖާ އާދަމް
Jun 23, 2022

އުމުރުން ދުވަސްވީ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ޖަހަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހަތަރުވަނަ ޑޯޒެއް ޖަހާނީ، ތިންވަނަ ޑޯޒް ޖެހި ފަހުން ހަތަރު މަސް ވުމުންނެވެ.

އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ކަމަށް ބަލާ މީހުންގެ ތެރޭގައި، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ހަށިގަނޑުގެ ދިފާއީ ބަރު ދެރަކުރާފަދަ ބޭސް ކާމީހުންނާއި ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކަށް 10 މިލިގްރާމަށްވުރެ މަތީ ޑޯޒެއް މަހަކަށްވުރެ ގިނައިން ބޭނުންކުރާ މީހުން) ހިމެނެއެވެ.

އަދި މީގެ ތެރޭގައި ޑައިލިސިސް ހަދަމުންދާ މީހުންނާއި ކެންސަރަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާއަށް އަހަރެއް ނުވާ މީހުންވެސް ހިމެނެއެވެ.

ބަލި ޖެހުމުން ނުރައްކާ ވެދާނެ ކަަަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ކެޓަގަރީތަކަކީ:-

  • ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާ ދީފައިވާ މީހުން
  • ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
  • އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި (ބީއެމްއައި 40އަށްވުރެ މަތި) މީހުން
  • ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ އަދި އެ ފަރުވާ ހޯދުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާ މީހުން
  • ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރާ މީހުން
  • އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފައިވާ މީހުން ހިމެނެއެވެ

ކޮވިޑް-19 ވެކްސިންގެ ހަތަރުވަނަ ޑޯޒްއަކީ ދެވަނަ ބޫސްޓާ ޑޯޒްއެވެ. މީގެ ކުރިން ރާއްޖޭގައި ޖަހާފައި ވަނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒްއެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، އެ މީހުންނަށް މިއަދުން ފެށިގެން ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355