މިދިޔަ އަހަރު ބީއެމްއެލްއިން އެކި މަޝްރޫއުތަކާއި ސްޕޮންސާޝިޕްތައް މެދުވެރިކޮށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެ ބޭންކުގެ ސަސްޓެއިނެބިލިޓީ ރިޕޯޓް 2020އިން ދައްކާ ގޮތުގައި އެ ބޭންކުން ވަނީ އެކި ދާއިރާތަކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އިޖުތިމާއީ ޒިންމާގެ ދަށުން ބީއެމްއެލްއިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގަން އެހީ ފޯރުކޮށްދޭ ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިދިޔަ އަހަރު ވެސް 20 ރަށެއްގައި އެއް މިލިއަން ރުފިޔާގެ 20 މަޝްރޫއުއަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
ވަކިވަކި ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީއަށް ބަލާއިރު، ބީއެމްއެލް އިން ވަނީ މިދިޔަ އަހަރު އުރަމަތީގެ ކެންސަރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ކެންސާ ސޮސައިޓީއަށް 150،000 ރުފިޔާއާއި އާކް ޖަމިއްޔާގެ އެއިޑް ޕްރޮގްރާމަށް ދެލައްކަ ރުފިޔާ ހަދިޔާކޮށްފަ އެވެ.
އެ އެހީގެ ދަށުން 300 އާއިލާއެއްގެ 587 ކުދިންނަށް ބޭނުންވާ ކާބޯތަކެތީގެ ޕެޖޭކު ވަނީ ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ޖަމިއްޔާތަކަށް ފޯރުކޮށްދިން އެހީގެ ތެރޭގައި ފެމިލީ ލީގަލް ކްލިނިކަށް ދިން 50،000 ރުފިޔާއާއި ޑެފް އެސޯސިއޭޝަނަށް ދިން 30،000 ރުފިޔާ ވެސް ހިމެނެ އެވެ.
މިދިޔަ އަހަރުގެ ބޮޑުބައެއް ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ދިޔައިރު ބީއެމްއެލް އިން ވަނީ 10 ހޮސްޕިޓަލަކަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާ ކޮށްފަ އެވެ.