ހާއްސަ ހުއްދައިގެ ދަށުން ކުޅުދުއްފުށި ސިޓީއަށް މިއަދު އައި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މި މީހާ ކުޅުދުއްފުއްޓަށް އައިސްފައިވަނީ ރާއްޖޭން ބޭރުން، މާލޭގައި މަޑުކުރުމަށްފަހު މިއަދުގެ ވަގުތެއްގައި އެވެ.
މި މީހާ ރާއްޖޭ އައިސްފައިވަނީ 72 ގަޑިއިރުނުވާ ޕީސީއާރު ނަތީޖާއަކާއެކު އެވެ. ނެގެޓިވް ޕީސީއާރު ނަތީޖާ އޮތްނަމަވެސް ރާއްޖޭން ބޭރުން އައި މީހަކަށްވުމުން އެ މީހާގެ ސާމްޕަލް މާލޭއިންވެސް ނެގި އެވެ.
މާލޭން ނެގި ސާމްޕަލްގެ ނަތީޖާ ލިބުނީ އެ މީހާ ކުޅުދުއްފުއްޓަށް މިއަދު އައި ފަހުންނެވެ. މައުލޫމޫތު ލިބިފައިވާގޮތުގައި އެ މީހާ ކުޅުދުއްފުއްޓަށް އައިސްފައިވަނީ ފެމެލީ ބޭކަރީގެ މެޝިނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށެވެ.
އިތުބާރު ފަރާތަކުން ކޭއޯއަށް ބުނީ، މާލޭން ނެގި ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ އެ މީހާ ކުޅުދުއްފުއްޓަށް އައިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އެ ވަގުތު ކޮޅުގައި އޭނާ ގޮސްފައިވަނީ އެއާޕޯޓުން ގެސްޓްހައުސްއަށް އެކަނި ކަމަށްވެ އެވެ. އަދި އެ ވަގުތުތަކުގައި އޭނާ އުޅެފައިވަނީ ގައިޑްލައިނާ އެއްގޮތަށް ކަމަށް އޭނާއާ ހަވާލުވި ފަރާތުން މައުލޫމާތުދީފައިވާކަމަށް ހެލްތް އޮފިޝަލަކު ވިދާޅުވި އެވެ.
28 އަހަރުގެ ބިދޭސީ މި ފިރިހެން މީހާ މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.
ހާއްސަ ހުއްދައިގެ ދަށުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރު ނަތީޖާޢާއެކު އެވެ. އެހެންނަމަވެސް އެ ހާލަތުގައި އަންނަ ފަރާތްތަކުންވެސް މާސްކު އެޅުންފަދަ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރަން ޖެހެ އެވެ. އަދި އެ މީހުން އާންމުންގެ ތެރޭގައި އުޅުމަކީވެސް މަނާކަމެކެވެ.