twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވިޔަފާރީތަކަށް ލޯނުގެ ގޮތުގައި އެސްޑީއެފްސީން 374 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ޚަދީޖާ އާދަމް
Jun 26, 2022

ކޮވިޑް-19 އާއި ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 374 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެ ބޭންކުން ބުނީ ކޮވިޑުން އަރައިގަތުމަށް ކޮވިޑް ވިޔަފާރި އެހީ ލޯނާއި ޕެންޑަމިކްގައި ދޫކުރީ ލޯނާއިއެކު މިހާތަނަށް ޖުމްލަ 374،030،115 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.

ކޯވިޑް ވިޔަފާރި އެހީ ލޯނުގެ ތެރެއިން އެންމެ ގިނަ އަދަދެއް ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެގޮތުން ޖުމްލަ 822 ވިޔަފާރިއަކަށް މި ދާއިރާއިން ލޯނު ވަނީ ދޫކޮށްފައެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ މެނިފެކްޗަރިން ވިޔަފާރިތަކަށެވެ. މި ދާއިރާގެ 671 ވިޔަފާރިއަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ 232 ވިޔަފާރިއަކަށް، އިމާރާތްކުރުމުގެ ސިނާއަތުގެ 198 ވިޔަފާރިއަކަށް، އިންފޮމޭޝަން ޓެކްނޮލޮޖީގެ 111 ވިޔަފާރިއަކަށްވެސް ކޯވިޑާއި ގުޅިގެން ވަނީ ލޯނު ދޫކޮށްފައެވެ.

މީގެ އިތުރުން ޓްރާންސްޕޯޓްގެ 79 ވިޔަފާރިއަކަށާއި، މަސްވެރިކަމުގެ 20 މީހަކަށާއި އަދި ދަނޑުވެރިކަމުގެ 14 މީހަކަށް ކޯވިޑާއި ގުޅިގެން ވަނީ ލޯނު ދޫކޮށްފައިކަމަށް އެސްއެމްއީ ބޭންކުން މައުލޫމާތުދެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355