ދަރިފުޅު ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ ކުށުގައި 18 އަހަރަށް ޖަލަށްލި މަންމައަކު ހައި ކޯޓުން އިއްޔެ މިނިވަންކޮށްފި އެވެ.
އެމީހާ މިނިވަން ކޮށްފައިވަނީ ދަށު ކޯޓުން ޖަވާބުދާރީވާން ފުރުސަތު ނުދީ އޮތުމުންނެވެ. ކުޅުދުއްފުށީގައި ހިނގި މި ހާދިސާގައި 16 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ޖަލަށް ލާން ހުކުމްކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
އަންހެން ދަރިފުޅުގެ ނުރުހުމުގައި އެކި ފަހަރު މަތިން އެ ކުއްޖާ ލައްވައި އެހެން މީހަކާ އެކު ޖިންސީ އަމަލު ހިންގަން ހިތްވަރުދީ އެކަމަށް މަގުފަހިކުރި މައްސަލާގައި 18 އަހަރާއި 6 މަހަށް ޖަލަށް ލުމަށް އެ ކުއްޖާގެ މަންމަގެ މައްޗަށް ހުކުމްކުރީ ދެ ކުށެއް ސާބިތު ވެގެންނެވެ. އެއީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު ޖިިންސީ އަމަލެއް ހިންގުވުމުގެ ކުށުގައި 18 އަހަރަށް އަދި ޖިންސީ އަމަލެއް ހިންގާކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި ހަ މަހަށް ޖަލަށް ލުމަށެވެ.
އެމީހާ ތަހުގީގު މަރުހަލާގައި އެކަމަށް އިއުތިރާފްވެފައިވީނަމަވެސް ޝަރީއަތުގައި އެކަމަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ބާތިލްކޮށް، ހައިކޯޓުން އޭނާ މިނިވަންކުރީ ދަށު ކޯޓުގައި ޖަވާބުދާރީވާން މައްސަލައިގެ ލިޔުންތައް ދީފައި ނުވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައި ބުނީ ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ދޭން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާއިރު، މައްސަލައިގެ އެއްވެސް ލިޔުންތަކެއް އެ މީހާއަށް ދަށު ކޯޓުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޯރުކޮށްދިންކަން އެނގެން ނެތުމުން ދިފާއުވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް އޭނާއަށް ލިބިފައިނުވާ ކަމަށް ބަލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ދަށު ކޯޓުން އެ މައްސަލަ ނިންމިއިރު، އެ މީހާގެ ބައެއް ބަޔާންތަކުގައި ސޮއިކުރުވާފައި ނެތުން ފަދަ ބައެއް މައްސަލަތައް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ މީހާ 18 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ ހުކުމް ބާތިލްކުރަން ރައުޔު ނެރުއްވީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އެ ބެންޗުގައި ދެން ހިމެނިވަޑައިގަތް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ 18 އަހަރުގެ ޖަލު ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ފަނޑިޔާރު ރައޫފްގެ ރައުޔުގައި ބުނީ ލިޔުންތައް ނުލިބޭ ކަމަށް ބުނެ އެ މީހާގެ ފަރާތުން ދަށު ކޯޓުގައި ޝަކުވާއެއް ކޮށްފައި ނެތް ކަމަށާއި އަދި ދައުލަތުން ހުށަހެޅި ހެކިންނާ އެ މީހާ ކޯޓުގައި އަމިއްލައަށް ސުވާލުތައް ކުރިއިރު ވެސް، އެކަށީގެންވާ ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ ޝަކުވާއެއް ކޮށްފައި ނެތް ކަމަށެވެ.
އެކަމަކު ޖިންސީ އަމަލެއް ހިނގާކަން އެނގި ހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގައި އެ މީހާއަށް އިއްވި ހަ މަހުގެ ޖަލު ހުކުމް ބާތިލްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމް ބާތިލްކުރީ ލިޔުންތައް ނުލިބުމުގެ އިތުރުން ތަހުގީގު ނުކުރާ ކުށެއްގެ މައްޗަށް ދައުވާ ކޮށްފައި ވާތީ އެވެ.
ކުޅުދުއްފުށީ ކޯޓުން އެ މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތަކުގެ މަތިން މީހަކު ލައްވާ އެ އަންހެން ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށް އެ ކުއްޖާގެ މަންމަ ހިތްވަރު ދީފައިވާ ކަމަށެވެ.
އަންހެން ކުއްޖާ ލައްވައި ޖިންސީ ގޯނާ ހިންގުވީ އެ ކުއްޖާގެ މަންމަ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނާ ފިރިހެނަކު ލައްވާ އެވެ. 51 އަހަރުގެ އެ ފިރިހެން މީހާއަކީ ވެސް އަންހެން ކުއްޖާއާ އާއިލީ ގޮތުން ގާތް މީހެކެވެ. މާލެއަށް ނިސްބަތްވާ އެ ފިރިހެން މީހާވެސް 2016 ވަނަ އަހަރުވަނީ 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.