twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަފުތާއެއް ވަންދެން ކުޅުދުއްފުށިން ރޭންޑަމް ސާމްޕަލް ނަގާނެ!

އަބްދުލް ވާހިދު ޙަސަން
Mar 30, 2021
2

މިމަހުގެ 24 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ފެނުނު ކޮވިޑް-19 ގެ ކޭސްތަކާ ގުޅިގެން މިހާތަނަށް ނެގި ސާމްޕަލްތައް ނެގެޓިވްވެފައިވީނަމަވެސް، ބަލިފެތުރިފައިވޭތޯ ޔަގީންކުރުމުގެ ގޮތުން ހަފްތާއެއް ވަންދެން ރޭންޑަމް ސާމްޕަލް ނަގާނެކަމަށް ހެލްތް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށިން ފެނުނު ޕޮޒިޓިވް ކޭސްތައް ގުޅެނީ ފެލިވަރު ކުލަސްޓާއާ އެވެ. އެ ނައިފަރަށް ނިސްބަތްވާ އެ ހަތަރު މީހުންނަކީވެސް ފެލިވަރުގައި މަސައްކަތްކުރާ މީހުންނެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކޭއާރުއެޗުގައި އެޑްމިޓްކުރިފަހުންނެވެ. ބަލި މީހަ އާއި އޭނާގެ ދެ އެހީތެރިންގެ އިތުރުން އެރަށުން ފަރުވާއަށް އައި މީހެއްގެ އެހީތެރިޔާ ޕޮޒިޓިވްވި އެވެ.

އެ ކޭސްތަކާ ގުޅިގެން މިހާތަނަށް 400 ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލެއްވެސް ވަނީ ނެގެޓިވްވެފަ އެވެ.

ކޭއޯއާ ވާހަކަދައްކަވަމުން ހެލްތް އޮފިޝަލަކު ވިދާޅުވީ، ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުމުން، ހަފުތާއަކަށް ދެމިގެންދާގޮތަށް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެކަމަށް ރައްޔިތުން ފަރާތުން އެއްބާރުލުން ދިނުމަށް އެދިލެއްވި އެވެ.

ކޭއާރުއެޗުން ބުނެފައިވަނީ ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވްކަމަށް ދެއްކިކަމުގައި ވިޔަސް ފަހުން ނަގައި ސާމްޕަލެއް ޕޮޒިޓިވުމަކީ އެކަށީގެންވާކަމަށްވާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އަދި މިދުވަސްވަރަކީ ހަލުވިކަމާއެކު ރާއްޖެގެ އެކި ސަރަހައްދުތަކުގައި ބަލި ފެތުރެމުންދާ ދުވަސްވަރެއްކަމުން ރައްކާތެރިކަމުގެ ގޮތުން މާސްކު އަޅާ، ސާފުތާހިރުކަމާއި، އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށްވެސް އިލްތިމާސްކުރެ އެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ 7606688 އާ ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް އެފަރާތުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355