ކުޅުދުއްފުށިން ފެނުނު ކޮވިޑް 19 ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް ޓެސްޓްކުރެވުނު ސާމްޕަލްތައް ނެގެޓިވްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ބަލީގެ އަލާމަތް ހުރެގެން ހޯމަ ދުވަހު ކުޅުދުއްފުށީ ފުލޫ ކްލިނިކަށް ދެއްކި 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މި ތިން މީހުންނަކީވެސް އެއްގެޔެއްގައި އުޅޭ ތިން މީހުންނެވެ. މިކަމާ ގުޅިގެން ރަށް ބަންދުކޮށް ކޮންޓެކްޓް ޓްރޭސިން ހަދައި ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޭއާރުއެޗުން މައުލޫމާތު ދޭގޮތުގައި މިހާތަނަށް ރޭންޑަމް ސާމްޕަލުގެ ގޮތުގައި 134 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން ޓެސްޓްކުރެވި ނަތީޖާ ލިބިފައިވަނީ 74 ސާމްޕަލެކެވެ. 60 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.
ޕޮޒިޓިވްވި 3 މީހުންގެ ކްލޯޒް ކޮންޓެކްޓުގެ ގޮތުގައި 25 މީހަކު ތިބިއިރު އެ މީހުން ތިބި ގެތައް ވަނީ ބަންދުކޮށްފަ އެވެ. އެގޮތުން 13 ގެޔެއް ވަނީ ބަންދުކޮށްފަ އެވެ.
ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން އެކަކު ރޯގާގެ އަލާމަތްތައް ހުރި ނަމަވެސް އެންމެ ހާލުވެސް ޖުމްލަކޮށް ރަނގަޅުކަމަށާ އެހެންވެ އެއްވެސް މީހަކު މިހާތަނަށް ފުނަދޫ ފެސިލިޓީއަށް ގެންދަން ހަަމަޖެހިފައިނުވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދިނެވެ.