twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ފުނަދޫ ފެސިލިޓީގައި ފަސް މީހަކު، ހާލު ރަނގަޅު

އަބްދުލް ވާހިދު ޙަސަން
May 6, 2021

ށ ފުނަދޫގައި ހުންނަ ރީޖަނަލް ކޮވިޑް ފެސިލިޓީގައި ކޮވިޑް-19 ޖެހިގެން ފަސް މީހަކަށް ފަރުވާދެމުންދާކަމަށް އެ ފެސިލިޓީން ހާމަކޮށްފި އެވެ.

އުތުރުގެ ތިން އަތޮޅުގެ ރައްޔިތުންނަށް ފަރުވާދިނުމަށް ގާއިމުކޮށްފައިވާ މި ފެސިލިޓީގައި މި ވަގުތު ފަރުވާދެމުންދަނީ ދިއްދޫގެ ދެ މީހަކަށާއި ހއ މޮޅަދޫ މީހަކަށާއި ފުނަދޫ ސޯސަން އެކްސް ޕްރެސްގައި މަސައްކަތްކުރާ ދެ ފަޅުވެރިންނަށެވެ.

ފުނަދޫ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒުމްރަތު އެ ފެސިލިޓީގައި ފަރުވާދޭ ޑޮކްޓަރުންނާ ހަވާލާދީ މިއަދު ވިދާޅުވީ، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅުކަމަށާއި ސީރިއަސް މައްސަލައެއް ނޫޅޭ ކަމަށެވެ. އެކަމަކު އެ ހުރިހާ މީހުންނަކީވެސް ހައިރިކްސް މީހުންކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ މީހުންވެސް ސްޓޭބަލް، ރަނގަޅު. މޭޖަރ އެއްވެސްކަމެއް ނެތް. އެކަމަކު އަލާމަތްތައް ފެނޭ. ހުރިހާ މީހުންނަކީވެސް ހައިރިކްސް މީހުން." ޒުމުރަތު ވިދާޅުވި އެވެ.

ބައެއް މީހުން ފުނަދޫއަށް ގެންގޮސްފައިވަނީ ނޭވާލުމަށް ދަތިވެގެން ކަމަށްވިޔަސް އެއްވެސް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ނުދާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ދިއްދޫއިން އިތުރު މީހަކު އެ ފެސިލިޓީއަށް ގެންދާނެކަމަށް ޒުމުރަތު ވިދާޅުވި އެވެ.

މިކަމުގައި ރައްޔިތުން އިތުރަށް ސަމާލުވެ، ބަލި ކޮންޓްރޯލްކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ޒުމުރަތު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ ނަގައި ރައްކާތެރިވުމަށްވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.

ފުނަދޫގައި ގާއިމުކުރި އައިސީޔޫ ފެސިލިޓީގައި އެއްފަހަރާ 20 މީހުންނަށް ފަރުވާދެވޭނެ އެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި 40 މީހުންނަށް އެއްފަހަރާ ހިދުމަތްދެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355